އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތަކުގައި ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ލުބުނާނުން 51 މީހުން ޝަހީދުކޮށްލައިފިއެވެ.
ލުބުނާނުގެ ހެލްތު މިނިސްޓްރީން ބުނީ އިސްރާއީލުން ލުބުނާނުގެ ދެކުނަށް ދެމުންދާ ހަމަލާތައް ވަރުގަދަކޮށްފައި ވާއިރު ހަމަލާތަކުގައި ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި އެކަނިވެސް 51 މީހުން ޝަހީދުވެފައިވާ ކަމަށެވެ.
މީގެ ތެރޭގައި ސިއްހީ ދެ ޚިދުމަތްތެރިންވެސް ހިމެނޭ ކަމަށް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ.
އޭޕްރީލް 16 ގައި އިޒްރޭލުން ލުބުނާނަށް ހަމަލާ ދިނުން ހުއްޓާލުމަށް އެއްބަސްވި ނަމަވެސް، އޭގެ ފަހުންވެސް އިޒްރޭލުން ދިން ހަމަލާތަކުގައި ލުބުނާނުގެ 552 މީހުން ވަނީ ޝަހީދުވެފައެވެ.
މިދިޔަ މާރިޗު 2 އިން ފެށިގެން މިހާތަނަށް އިޒްރޭލުގެ ބާރުތަކުން ލުބުނާނުގެ 103 ސިއްހީ ޚިދުމަތްތެރިން ޝަހީދުކޮށްލާފައިވާ ކަމަށް އދ. އިން ބުނެއެވެ.
އަދި އެ މުއްދަތުގެ ތެރޭގައި 130 އަށްވުރެ ގިނަ ހަމަލާތަކުގައި 230 މީހުން ޒަޚަމްކޮށްލާފައިވާ ކަމަށްވެސް އދ. އިން ބުނެއެވެ.
ލުބުނާނުގެ ހެލްތު މިނިސްޓްރީން ބުނީ އިސްރާއީލުން ދަނީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް ސިއްހީ މަރުކަޒުތަކަށާއި އެމްބިއުލަންސްތަކަށް ސީދާ އަމާޒުކޮށް ހަމަލާދެމުން ކަމަށެވެ.
މިދިޔަ މާރިޗު 2 ގައި އިޒްރޭލުން އައު އަސްކަރީ އޮޕަރޭޝަނެއް ފެށި ފަހުން ލުބުނާނުން ޖުމްލަ 2,846 މީހުން ވަނީ ޝަހީދުވެފައެވެ.
ލުބުނާނުގެ ސިވިލް ޑިފެންސްގެ އިސްވެރިޔާ ޢަލީ ސަފީއްދީން "އަލްޖަޒީރާ" އަށް މައުލޫމާތު ދެމުން ވިދާޅުވީ، އެމީހުން މަސައްކަތް ކުރަމުންދަނީ ކޮންމެ ސިކުންތަކު ވެސް ފުރާނައަށް ނުރައްކާވާ ފަދަ ހާލަތެއްގައި ކަމަށެވެ.
ޣައްޒާ އާއި ލުބްނާނުގައި އިންސާނީ އެހީގައި މަސައްކަތް ކުރައްވާ ސާޖަން ޑރ ތާހިރު މުހައްމަދު އަލްޖަޒީރާ އަށް ވިދާޅުވީ އިޒްރޭލުގެ އަމަލުތައް އެއްގޮތް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
މިގޮތުން ޑރ. ތާހިރު މުޙައްމަދު ފާހަގަކުރެއްވި ގޮތުގައި، އިޒްރޭލުން ޣައްޒާގައި ގެންގުޅުނު ސިޔާސަތުތައް، މިހާރު ލުބުނާނުގައި ވެސް ދަނީ ތަކުރާރު ކުރަމުންނެވެ.
ޑރ. ތާހިރު މުޙައްމަދު އިތުރަށް ވިދާޅުވީ އިސްރާއީލުގެ ބޭނުމަކީ ލުބުނާނުގެ މުޅި ދެކުނު ސަރަހައްދު ހިފުން ކަމަށެވެ.
އިޒްރޭލުން ލުބުނާނަށް ދެމުން އަންނަ ހަމަލާތަކުގެ ސަބަބުން 1.2 މިލިއަނަށް ވުރެ ގިނަ ލުބުނާނު މީހުންގެ ގެދޮރު ސުންނާފަތިވެ ވަނީ މަގުމަތިވެފައެވެ.