ކުށެއް ކޮންމެ މީހަކު ކުރިނަމަވެސް ފިލައިގެން ނޫޅެވޭނެ ކަމަށް އިންސްޕެކްޓާ އޮފް ޕޮލިސް އަޒީފް އައްބާސް ވިދާޅުވެއްޖެއެވެ.
ވީޓީވީގެ "ފަސްމަންޒަރު" ޕްރޮގުރާމްގައި ވާހަކަ ދައްކަވަމުން އަޒީފް ވިދާޅުވީ ސައިބާ ކްރައިމް ނުވަތަ އައިޓީ ޑިވައިސް ބޭނުން ކޮށްގެން ހިންގާ ކުށެއް ކަމުގައި ވީނަމަވެސް އެމީހެއްގެ ޑިޖިޓަލް ފިންގާ ޕްރިންޓެއް އިންނާނެ ކަމަށެވެ. އެހެން ކަމުން އެ ފިންގާ ޕްރިންޓު އެއްވެސް މީހަކަށް ނުފޮރުވޭނެ ކަމަށާއި ފިލަގެންވެސް ނޫޅޭވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ސައިބާ ކްރައިމް ހިންގާ މީހަކު ހޯދަން ޗެލެންޖު ތަކެއް ހުރެދާނެކަން ފާހަގަކުރައްވާ އަޒީފް ވިދާޅުވީ ކަންއެހެން އޮތް ނަމަވެސް އެމީހަކު ހޯދޭނެ ކަމަށެވެ.
އަޒީފް އިތުރަށް ވިދާޅުވީ، ކުޑަކުދިންނަށް ފޯނު ނުވަތަ ޓެބްލެޓް ދިނުމާ ބެހޭ ގޮތުން ސްކޫލް ތަކާއި ގުޅިގެން މައިންބަފައިން ހޭލުންތެރިކުރުވުމުގެ ޕްރޮގުރާމް ތަކެއްވެސް ހިންގަމުން ދާކަމަށެވެ. ދަރިފުޅު އިންޓަނެޓްގައި ކުރާކަންކަމަކީ ކޮބައިތޯ ބެލުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށްވެސް އަޒީފް ވިދާޅުވިއެވެ.
އަޒީފް ވިދާޅުވީ ހާއްސަކޮށް ރާއްޖޭގައި ކުޑަކުދިންގެ އެކި އެކި މައްސަލަތައް ސައިބާ ކްރައިމާއި ގުޅިގެން އަންނަ ކަމަށެވެ.
އަޒީފް އިތުރަށް ވިދާޅުވީ 2024 އިން ފެށިގެން ފުޅާދާއިރާއެއްގައި ތަފާތު އެކި އެކި ޗެނެލްތައް ބޭނުން ކޮށްގެން ކުޑަކުދިންގެ ސީއެސްއެމް މެޓީރިއަލްތައް ޕަބްލިޝްކޮށްގެން މަންފާތަކެއް ހޯދަމުން ދިޔަ ކަމަށެވެ. އަދި ބްލެކްމައިލް މައްސަލަތަކާއި، ގްރޫމް ކުރުމުގެ މައްސަލަތައްވެސް މަދު ނޫންކަމަށް އޭނާ ވިދާޅުވިއެވެ.