2022 ވަނަ އަހަރުން ފެށިގެން ކުޑަކުދިންގެ އާބާދީ އަންނަނީ ދަށްވަމުން ކަމަށް ކަމަށް ސްޓެޓިސްޓިކްސް މޯލްޑިވްސް އިން ބުނެފިއެވެ.
ސްޓެޓިސްޓިކްސް މޯލްޑިވްސް އިން މީސްމީޑިއާގައި އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނީ 2022 ވަނަ އަހަރު ރާއްޖޭގެ އާބާދީގެ 22 އިންސައްތައިގައި ކުޑަކުދިން ހުރި އިރު، 2032 ގައި ހުންނާނެ ކަމަށް ގަބޫލުކުރެވެނީ 16 އިންސައްތައިގައި ކަމަށެވެ. އަދި 2042، 2052 ގައި 12 އިންސައްތަ އަދި 2062 ގައި 11 އިންސައްތަ ކުޑަކުދިން ކަމަށް ސްޓެޓިސްޓިކްސް މޯލްޑިވްސް އިން ބުނެއެވެ.
ސްޓެޓިސްޓިކްސް މޯލްޑިވްސް އިން އާންމުކޮށްފައިވާ ތަފާސްހިސާބުން އެނގޭގޮތުގައި މިހާރު ކުޑަކުދިންގެ އާބާދީގެ އަންދާޒާ އަކީ 117،587 އެވެ. އެއީ މުޅި އާބާދީގެ 20 އިންސައްތަ ކަމަށް ވީއިރު، އޭގެ ތެރެއިން ދިވެހި ކުދިންގެ އަދަދަކީ 114،361 ކަމަށްވެސް ސްޓެޓިސްޓިކްސް މޯލްޑިވްސް އިން ބުނެއެވެ.
ސްޓެޓިސްޓިކްސް މޯލްޑިވްސް އިން ބުނީ، 57،350 ނުވަތަ 49 އިންސައްތަ ކުޑަކުދިންނަކީ އަންހެން ކުދިން ކަމަށެވެ. އަދި 60،237 ނުވަތަ 51 އިންސައްތަ އަކީ ފިރިހެން ކުދިންކަމަށެވެ،
މީގެ އިތުރުން 46،493 ކުޑަކުދިން މާލޭގައި ދިރިއުޅޭ އިރު، 71،094 ކުދިން އުޅެނީ އެކި އެކި ރަށް ރަށުގައެވެ.
98،845 ކުޑަކުދިންގެ ސްކޫލު ދައުރު ނިމިފައިވީނަމަވެސް 50،254 ފިރިހެން ކުދިންނާއި، 48،591 އަންހެންކުދިން އެކި ސްކޫލު ތަކުގައި ތައުލީމު ހާސިލް ކުރަމުން ދެއެވެ.
ކުޑަކުދިންގެ ތެރެއިން 142 ކުދިން ފޮސްޓާ ކުދިންގެ ތެރޭގައި ހިމެނޭ އިރު އެތަނުން 125 ކުއްޖަކު އުޅެނީ އަތޮޅުތެރޭގައެވެ. އަދި 17 ކުއްޖަކު އުޅެނީ މާލޭގައެވެ. ދައުލަތުގެ ބެލުމުގެ ދަށުގައި 151 ކުއްޖަކު އުޅެއެވެ.
ކުޑަކުދިންނާ ގުޅޭ ގޮތުން 2025 ވަނަ އަހަރު ހުށަހަޅާފައިވާ މައްސަލަތަކަށްވެސް ސްޓެޓިސްޓިކްސް މޯލްޑިވްސް އިން ވަނީ އަލިއަޅުވާލާފައެވެ. އެގޮތުން ރިޕޯޓުކޮށްފައިވާ މައްސަލަތަކަށް ބަލާލާއިރު، 319 އަޅާނުލުން، 214 ޖިސްމާނީ އަނިޔާ، 114 ނަފްސާނީ އަނިޔާ، 228 ޖިންސީ އަނިޔާ، 63 ގަނާ ކުރުން، 14 ފުރައްސާރަކުރުން، 107 ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ދެއްކުން/ ފެނުން އަދި 12 އިންޓަނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ މައްސަލަ ހިމެނެއެވެ.