ތަފާސްހިސާބުތަކުން ދައްކާގޮތުގައި 4 އަހަރާއި 17 އަހަރާ ދެމެދުގެ ކޮންމެ 7 ކުއްޖަކުން 1 ކުއްޖަކީ ނަފްސާނީ ދުޅަހެޔޮކަމުގެ މައްސަލައެއް ތަހައްމަލުކުރާ ކުއްޖެކެވެ. މިފަދަ ގޮންޖެހުންތަކުން ކުދިން ސަލާމަތްކުރުމަށްޓަކައި، އެކުދިންގެ ކިބައިގައި އަމިއްލަ ނަފްސަށް އޮންނަ އިތުބާރާއި އިޙްތިރާމް ވަރުގަދަކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

އަމިއްލަ ނަފްސަށް އިޙްތިރާމްކުރާ ކުއްޖަކަށް، އެކުއްޖާގެ އަސްލު ސިފަ ހާމަކުރަން ފަސޭހަވާނެއެވެ. މި ލިޔުމުގައި މައިންބަފައިންނަށް މިކަމުގައި އެހީތެރިވެވިދާނެ ގޮތްތަކެއް ހިމަނާލާނަމެވެ.

އަމިއްލަ ނަފްސު ބަލައިގަތުމަށް ހިތްވަރުދިނުން:

އެހެން ކުދިންނާ އަޅާކިޔުން ހުއްޓާލައި، ކޮންމެ ކުއްޖަކީ ވެސް ތަފާތު ހުނަރުތަކެއް ހުރި ކުއްޖެއްކަން ދަރިފުޅަށް ބުނެދޭށެވެ. މާތް ﷲ އެކި އިންސާނުންނަށް ދެއްވީ އެކި ހުނަރުކަން ދަރިފުޅަށް ބުނެދޭށެވެ.

ހުރިހާ ކަމެއްގައި އެންމެ މޮޅު ނުވެވުނަސް އެއީ މައްސަލައެއް ނޫންކަން ދަރިފުޅަށް ވިސްނައިދޭށެވެ.

އަމިއްލައަށް ބަދަލު ނުކުރެވޭނެ ކަންކަން ބަލައިގަންނަން ދަސްކޮށްދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. ބައެއް މައިންބަފައިންނަކީ ދަރިންނާމެދު އިންތިހާ ދަރަޖައިގެ އުންމީދުތަކެއް ކުރާ މައިންބަފައިންނެވެ.

އެންމެ މޮޅު ކޯޗުންގެ ފަރާތުން އަހަރުތަކެއްގެ ތަމްރީނު ދިން ނަމަވެސް، ދަރިފުޅުގެ ކިބައިގައި އެކަމަށް ފިޠުރީ ގާބިލުކަމެއް ނެތް ނަމަ، އެކުއްޖާއަކީ ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިއަކަށް ނުހެދިދާނެއެވެ.

ހަމައެފަދައިން، ކިތަންމެ ގިނައިން ޓިއުޝަނާއި އިތުރު އެހީތެރިކަން ދިން ކަމުގައި ވިޔަސް، ދަރިފުޅަށް ގާނޫނީ ވަކީލުކަމުގެ ނުވަތަ ޑޮކްޓަރުކަމުގެ ކޯހަކުން ޖާގަ ލިބޭނީ، އެ ކުއްޖާގެ ކިބައިގައި އެކަމަށް ބޭނުންވާ ވިސްނުމާއި ގާބިލުކަން ހުރެގެންނެވެ. އެފަދަ ގާބިލުކަމެއް ނެތް ނަމަ، އެއީ ކުއްޖާއަށް ހާސިލުކުރަން އުނދަގޫ ލަނޑުދަނޑިއަކަށް ވެދާނެއެވެ.

ދަރިފުޅު އިތުރަށް ކުރިއަރުވަން ކުރާ މަސައްކަތުގައި، އެއަށްވުރެ ބޮޑަށް ކުރިއަށް ނުދެވޭނެ ހިސާބެއް އަންނާނެއެވެ. އެ ވަގުތަކީ އެކުއްޖާއަކީ ކާކުކަން އެގޮތުގައި ބަލައިގަންނަންވީ ވަގުތެވެ. އެއީ ތަންކޮޅެއް ލަދުގަންނަ ކުއްޖަކަށް ވިޔަސް، އާދައިގެ ފެންވަރަކަށް ކިޔަވާ ކުއްޖަކަށް ވިޔަސް، ވަރަށް ދަށް ކުއްޖަކަށް ވިޔަސް ނުވަތަ މީހުންގެ ކުރިމަތީގައި ވާހަކަދައްކަން ޝައުގުވެރިނުވާ ކުއްޖަކަށް ވިޔަސްމެއެވެ.

ހަގީގަތުގައި، ދަރިފުޅު އަމިއްލަ ނަފްސު ބަލައިގަތުމަށް މަގުފަހިވަނީ މައިންބަފައިން އެކުއްޖާ އެހުރި ގޮތަށް ބަލައިގަތުމުންނެވެ. އެކުއްޖާއަށް އުޖާލާ ކުރިމަގަކަށް މަގުދައްކައިދޭނެ މައިންބަފައިން ކުރާނެ އެންމެ މުހިންމު ކަމަކީ މިއީއެވެ.

ކުއްޖާއަކީ ތަންކޮޅެއް ލަދުގަންނަ ކުއްޖެއްގެ ގޮތުގައި ބަލައިގަތުމުން، އަބަދު ކެރޭ ކުއްޖަކަށް ވާން ބުނުމަށްވުރެ ބޮޑަށް އެކުއްޖާގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުވާނެއެވެ.

ސްކޫލް ނަތީޖާ އާދައިގެ ފެންވަރެއްގައި ހުރުމަކީ މައްސަލައެއް ނޫނެވެ. ހުރިހާ ކުދިންނަކީ ހުރިހާ މާއްދާއަކުން 'A' ހޯދާނެ ކުދިންނެއް ނޫނެވެ.

ނެތް ހުނަރެއް ހުރި ކަމަށް ދައްކަން ނޫޅޭށެވެ. ދަރިފުޅުގެ ހިތް ހަމަޖައްސައިދިނުމަށްޓަކައި، އެ ކުއްޖާގެ ކިބައިގައި ނެތް ހުނަރެއް ނުވަތަ ގާބިލުކަމެއް ހުރި ކަމަށް ހެދިގެން ނޫޅޭށެވެ. އެ ހަގީގަތް ބަލައިގަންނަން ވެސް އެކުދިންނަށް ދަސްވާން ޖެހޭނެއެވެ. ގިނަ ފަހަރަށް ކުދިން ކަންބޮޑުވަނީ މައިންބަފައިން މާޔޫސް ވެދާނެތީއެވެ. އެފަދަކަންކަމުގައި ކެތްތެރިކަން ދައްކާ، އެ ކުދިންގެ އަމިއްލަ ނަފްސަށް ރަނގަޅު އިހުސާސެއް ކުރެވޭނެ ގޮތަށް މައިންބަފައިންގެ އަމަލުތައް ބަހައްޓަންޖެހެއެވެ. އެހެން ހެދުމުން ކުއްޖާގެ އަމިއްލަ ނަފްސަށްކުރާ އިތުބާރު އިތުރުވެއެވެ.

ސަޚްޞިއްޔަތުގެ ރަނގަޅު ސިފަތައް ފާހަގަކުރުން:

ކުއްޖާގެ އަމިއްލަ ޝަޚްޞިއްޔަތުގެ ރަނގަޅު ސިފަތައް ފާހަގަކުރަން ދަސްކޮށްދޭށެވެ.

މިގޮތުން ކުއްޖާގެ ކިބައިގައި ހުންނަ ހިތްހެޔޮކަން، ކެތްތެރިކަން އަދި އެހެން މީހުންނަށް އަޅާލުން ފަދަ ސިފަތަކަށް ތައުރީފުކޮށް، އެ ކުދިންނަކީ އެ ކުދިންގެ އަމިއްލަ "ޗިއަރލީޑަރުން" ކަމުގައި ވާން ދަސްކޮށްދޭށެވެ.

އަމިއްލަ ފިކުރަށް ޖާގަދިނުން:

ކުއްޖާއާ ސުވާލުކުރާއިރު "އެއީ ކީއްވެގެން ބުނި އެއްޗެއް؟" ނުވަތަ "އެކަމާ މެދު ދަރިފުޅު ދެކެނީ ކިހިނެއް؟" ފަދަ ސުވާލުތައް ކުރާށެވެ. އެކުދިންގެ އަމިއްލަ ޚިޔާލު ހޯދުމަށް ފުރުސަތު ދޭށެވެ. ކުދިންގެ ޚިޔާލު ފާޅުކުރުމަށް ހިތްވަރު ދިނުމުން ލިބޭ ފައިދާތަކުގެ ތެރޭގައި

އެ ކުދިންގެ ޚިޔާލުތައް އަޑުއަހައި، އެ ޚިޔާލުތަކަށް އިޙްތިރާމްކުރާކަން އެކުދިންނަށް އިޙްސާސްވުމުން، އޭނާ ދެކޭގޮތަކީވެސް އަގުހުރި ގޮތެއްކަން އެނގި، އަމިއްލައަށް ގޮތް ނިންމުމުގެ ގާބިލުކަމަށް އޮންނަ އިތުބާރު ބޮޑުވެއެވެ.

ކުދިންނަށް އެ ކުދިންގެ ޚިޔާލު ފާޅުކުރުމުގެ ފުރުސަތު ދިނުމަކީ، ހަމައެކަނި ބޮޑެތި މީހުން ބުނާ ގޮތަށް އަމަލުކުރުމުގެ ބަދަލުގައި، އަމިއްލަ ނަފްސު ދެނެގަތުމަށާއި އަމިއްލައަށް މިނިވަންކަމާއެކު ވިސްނުމުގެ ގާބިލުކަން ތަރައްގީކުރުމަށް އެހީތެރިވެދޭ ކަމެކެވެ.

ހަމައެހެންމެ ޚިޔާލު ފާޅުކުރުމަށްޓަކައި ކުދިން އެކުދިންގެ ފިކުރުތައް ތަރުތީބުކޮށް، ކަންކަމަށް ރިއާޔަތްކޮށް، ބުއްދިވެރިކަމާއެކު ވާހަކަދެއްކުމުގެ ހުނަރު ބޭނުންކުރުމުގެ ސަބަބުން ނަފްސަށް ކުރާ އިތުބާރު ބޮޑުވެ އިޖުތިމާޢީ ގުޅުންތަކާއި ތަޢުލީމީ ގޮންޖެހުންތަކުން އަރައިގަތުމަށް މަގުފަހިކޮށްދެއެވެ.

މައިންބަފައިން ނަމޫނާއަކަށްވުން:

މައިންބަފައިން އެކި ކަންކަމުގައި އަމަލުކުރާ ގޮތާއި، ކަންކަމުގައި ހުދޫދުތައް ކަނޑައަޅާ ގޮތް އަދި އަމިއްލަ ބޭނުންތަކަށް އަޅާލާ ގޮތް ކުދިން ވަރަށް ގާތުން ބަލައެވެ. މީގެ ސަބަބުން އަމިއްލަ ނަފްސުގެ އަގަކީ ހަމައެކަނި ހޯދާ ކާމިޔާބީތަކެއް ނޫންކަން ނުވަތަ ހުރިހާ ކަމެއް ފުރިހަމަވުން ނޫންކަން ކުދިންނަށް ދަސްވެއެވެ.

އަމިއްލަ ނަފްސު ދެނެގަނެވޭ، ނަފްސާނީ ގޮތުން ހަމަޖެހޭ މައިންބަފައިން ތިބޭ މާހައުލަކީ ކުދިންނަށް ހަމަޖެހޭ އަދި އަމާން މާހައުލެކެވެ. މައިންބަފައިން އަމިއްލަ ހާސްކަން މެނޭޖްކުރާ ނަމަ، ކުދިން އެމީހުންގެ ހާސްކަމުގެ އަސަރުގައި ޖެހުމުގެ ބަދަލުގައި، އެކުދިންނަށް ރައްކާތެރިކަން އިޙްސާސްވެއެވެ.

"ފޯކަސް އޮން ދަ ފެމިލީ" ގައި ބުނެފައިވާ ގޮތުގައި، އަމިއްލަ ނަފްސަށް އިޙްތިރާމްކުރާ މައިންބަފައިން ކަންކަމުގައި މިންގަނޑުތަކެއް ހިފަހައްޓައެވެ.

މީގެ ސަބަބުން ކުދިންނަށް ރައްކާތެރިކަމާއި އަމާންކަން އިޙްސާސްވެއެވެ.

ޝުކުރުވެރިވާން ދަސްކޮށްދިނުން: ކޮންމެ ދުވަހަކު ވެސް ހިނގި ރަނގަޅު ކަންކަން ނުވަތަ ޝުކުރުވެރިވާ ދެތިން ކަމެއް ފާހަގަކުރަން ކުއްޖާއަށް ހިތްވަރުދޭށެވެ. އަމިއްލަ ހިތްހަމަޖެހުމާ ނަފްސަށް ކުރާ އިތުބާރު ފެށިގެން އަންނަނީ ޝުކުރުވެރިވުމުގެ ރިވެތި އާދައިގެ ތެރެއިންނެވެ.

ކުދިން އަމިއްލަ ނަފްސަށް އިޙްތިރާމްކޮށް، އަމިއްލަ ނަފްސާ މެދު ހިތްހަމަޖެހޭނަމަ، އެ ކުދިން ވާނީ އުފާވެރި، އިތުބާރު ހުރި އަދި ދިރިއުޅުމުގެ ގޮންޖެހުންތަކާ ކުރިމަތިލާން ކެރޭ ކުދިންތަކަކަށެވެ.