މެދުއިރުމަތީގައި މިހާރު ކުރިއަށްދާ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް 500 މިލިއަން ޑޮލަރަށް ވުރެ ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓް ހައުސެސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްޖީއޭއެމް) އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ހާމަކޮށްފި އެވެ.

ޓޫރިޒަމް ދާއިރާގެ ޖަމިއްޔާތަކުން ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ، މިދިޔަ މާޗު މަހުން ފެށިގެން މިއަދާ ހަމައަށް ޓޫރިޒަމް ދާއިރާ އަށް ބޮޑު ގެއްލުމަކާ ކުރިމަތިވެފައިވާ ކަމަށެވެ.

މިދިޔަ މާޗު އަދި އޭޕްރީލް މަހު ރާއްޖެ އަށް އައި ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑުތަނުން ދަށްވެފައިވާ އިރު، އެ ދެ މަހު ރާއްޖެ އަށް އައި ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރުގެ އެ ދެ މަހަށް ވުރެ 15-20 އިންސައްތައާ ދެމެދަށް ދަށްވެފައިވެ އެވެ.

ޓޫރިސްޓުން އަންނަ މުހިއްމު މާކެޓްތަކުގެ ތެރެއިން ކުރިއަށް ލަފާ ކުރެވޭ ބުކިންތައް ދަށްވުމުގެ ފުރުސަތު އެބައޮތް ކަމަށް ގެސްޓް ހައުސް އެސޯސިއޭޝަނާއި މަޓާޓޯގެ ބަޔާނުގައިވެއެވެ. އޭގެ ސަބަބުން ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ އަދި މުހިއްމު ދައުރެއް އަދާކުރާ މީހުންނަށް ވިޔަފާރި ކުރިއަށް ގެންދިއުމަށާއި ހިދުމަތް ދިނުމުގައި މާލީ ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް ބަޔާނުގައި ވެ އެވެ.

އެ ދެ ޖަމިއްޔާއިން ބުނީ، ޓޫރިޒަމް ދާއިރާގައި މުހިންމު ދައުރެއް އަދާކުރާ ލޯކަލް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ގެސްޓް ހައުސްތަކާއި ޓްރެވެލް އެޖެންޓުންނާއި ޓުއާ އޮޕަރޭޓަރުންގެ ކުދި ވިޔަފާރިތައް މާލީ ގޮތުން ބަލިކަށިވެ، ވިޔަފާރިތައް ހުއްޓާލަންޖެހޭ ހިސާބަށް ގޮސްފައިވާ ކަމަށެވެ.

މިހާރު މި އޮތް ހާލަތު ރަނގަޅު ކުރުމަށް ކުރިއަށް އޮތް ދުވަސްތަކުގައި އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަން ފާހަގަކޮށް އެ ދެ ޖަމިއްޔާއިން ބުނީ، އިންޓަރެސްޓް ފްރީ މޮރޮޓޯރިއަމް ލޯން ދިނުމާއި މިހާރު ހުރި ލޯނުތައް ރީސްޓްރަކްޗާ ކުރުމަށް އެހީތެރިވެދީ، ޓެކްސް ދެއްކުން ފަސްކޮށްދިނުމާއި ފީތައް އަދި ކޯޓާފީ މައާފު ކޮއްދިނުމަށް ސަރުކާރާއި މާލީ އިދާރާތަކުން ވީ އެންމެ އަވަހަށް އެހީތެރިވާން ޖެހޭ ކަމަށެވެ.

ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ މުހިއްމު ފިޔަވަޅުތަކަށް ބަލާލައިރު، ލޯކަލް އޮޕަރޭޓަރުންނަށް ވިޔަފާރީގައި ދެމިތިބެވޭނެގޮތަކާއި މުވައްޒަފުން ހިފެހެއްޓޭނެ ގޮތް ހެދުމަށްޓަކައި އަމަލީ ގޮތުން ރަހުނަކާއި އެކުވިއަސް މާލީއެހީތެރިކަން ފަސޭހައިން ލިބޭނެ ނިޒާމެއް ހަމަޖައްސައި ދިނުން، ހިންގުމުގެ ހަރަދުތައް އިންތިހާއަށް މަތިވަމުންދާތީ، އެއާޕޯޓްގެ ތެލުގެ އަގުތަކާއި ވިޔަފާރިތަކުގެ ހަރަދުތައް ބޮޑުވެ ވާދަވެރިކަމަށް އަސަރު ކުރަމުންދާ މައްސަލަތައް ހައްލުކުރުމަށް ވަގުތުން ފިޔަވަޅު އެޅުން އަދި މިހާރު ހިނގަމުންދާ ޓޫރިޒަމް ތަރައްގީ ކުރުމުގެ މަޝްރޫއުތަކާއި ޓޫރިޒަމް ފުޅާކުރުމަށް ހިންގާ މަޝްރޫއުތަކަށް ބޭނުންވާ ކޮންސްޓްރަކްޝަން މެޓީރިއަލްތަކުގެ އަގު ކޮންޓްރޯލް ނުކުރެވި އަގުތައް ބޮޑުވެ، ޕްރޮޖެކްތަކަށް ވަރަށް ބޮޑަށް އަސަރު ކުރަމުންދާތީ ކުރިމަތިލާން ޖެހިފައިވާ ގެސްޓް ހައުސް އޮޕަރޭޓަރުންނާއި އެސްއެމްއީ އަށް ސަޕޯޓް މެކޭނިޒަމެއް ހަމަޖައްސައިދިނުން ހިމެނެއެވެ.