މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް، އެމް.އެމް.ޕީ.އާރު.ސީގެ ފައިސާ ލޯންޑާ ކުރި މައްސަލާގައި ޕޮޕިއުލާ މޯލްޑިވްސްގެ މައްޗަށް ދައުވާކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް، ޕީޖީއަށް ފޮނުވައިފި އެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަނުން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނީ އެމް.އެމް.ޕީ.އާރު.ސީ މެދުވެރިކޮށް ހިންގި ޚިޔާނާތުގެ ފައިސާ ލިބުނުކަމަށް ތުހުމަތުކުރެވޭ ޕޮޕިއުލަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށުގެ ދަޢުވާ ކުރުމަށް އެދި ޕީޖީއަށް ފޮނުވާފައިވާކަމަށެވެ. އަދި މި މައްސަލަ ޕީޖީ އޮފީހަށް ހުށަހަޅާފައިވަނީ 10 ފެބްރުވަރީ ގައި ކަމަށްވެސް ބުނެއެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބުނީ މި މައްސަލައިގެ ތަހުގީގަށް ހާމަވެފައިވާ ގޮތުގައި، 2014 ވަނަ އަހަރުގެ ފެބްރުވަރީ މަހުން ފެށިގެން 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ޓޫރިޒަމްގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑުން ޕޮޕިއުލާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާ ކަމަށެވެ.

އެގޮތުން 13 ޖުލައި 2015 ގައި އެސް.އޯ.އެފްގެ ޗެކެއް މެދުވެރިކޮށް 150,000.00 (އެއްލައްކަ ފަންސާސްހާސް) އެމެރިކާ ޑޮލަރު ޕޮޕިއުލާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ބޭންކް އެކައުންޓަކަށް ޖަމާކޮށްފައިވާކަން ތަހުގީގަށް ހޯދިފައިވާ ކަމަށާއި މި ފައިސާއަކީ ޑޮލަރު ގަނެވިއްކުމުގެ މުއާމަލާތަކުން ލިބުނު ފައިސާކަމަށް ދެއްކުމަށް އެ ކުންފުނިން މަސައްކަތް ކޮށްފައިވާ ކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބުނެއެވެ.

މީގެ އިތުރުން މި ފައިސާގެ އަސްލު އޮޅުވާލައި، ފައިސާއާ ގުޅޭ ހައްގުތައް ސިއްރުކުރުމަށާއި، ފައިސާ ލިބުނު ގޮތް އޮޅުވާލުމަށް ޕޮޕިއުލާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން މަސައްކަތްކޮށްފައިވާކަން ވެސް ތަހުގީގަށް ވަނީ ހޯދިފައެވެ. އަދި މީގެއިތުރުން ތ.އޮޅުގިރިގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައްކާފައިވާ ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަމަށް ތަހުގީގަށް ވަނީ ހޯދިފައެވެ.

ތ.އޮޅުގިރި ކުއްޔަށް ދިނުމާގުޅޭގޮތުން ހަދާފައިވާ އެއްބަސްވުމުގައި، ސޮއިކުރާ ތާރީހުން ފެށިގެން 36 މަސްދުވަހުގެ ތެރޭގައި ތ.އޮޅުގިރީގައި ރިސޯޓެއް ހަދާ ތަރައްގީ ކުރަންވާނެކަމަށާއި، އެ މުއްދަތުގެ ތެރޭގައި އެކަންތައްތައް ފުރިހަމަކޮށްފައި ނުވާނަމަ، ލިކުއިޑޭޓެޑް ޑެމޭޖަސް ނެގުމުގެ އިހްތިޔާރާއި އެއްބަސްވުން ބާތިލްކުރުމުގެ އިހްތިޔާރު ޓޫރިޒަމް މިނިސްޓްރީއަށް ދީފައިވާކަމަށް ބަޔާންކޮށްފައިވެއެވެ. ނަމަވެސް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަ ނުވާކަން ތަހުގީގަށް ފާހަގަވެފައިވެއެވެ.

މި މައްސަލާގައި ދައުވާކޮށްދިނުމަށްއެދި ހުށަހަޅާފައިވަނީ، ގާނޫނު ނަންބަރު 10/2014 (މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނު)ގެ 53 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށުގެ ދައުވާއެވެ. އަދި ޕޮޕިއުލާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން ހޯދާފައިވާ 150,000.00 (އެއް ލައްކަ ފަންސާސްހާސް އެމެރިކާ ޑޮލަރު) އެ ދައުވާގެ ތެރެއިން ހޯދުމަށްވެސް އެދިފައިވެއެވެ.

ތ.އޮޅުގިރި ކުއްޔަށް ދިނުމާގުޅޭގޮތުން ހަދާފައިވާ އެއްބަސްވުމުގައި، އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ތ.އޮޅުގިރީގައި ރިޒޯޓެއް ހަދާ ތަރައްގީ ކުރަންވާނެކަމަށާއި އެކަންތައްތައް ފުރިހަމަކޮށްފައި ނުވާނަމަ، ލިކުއިޑޭޓެޑް ޑެމޭޖަސް ނެގުމުގެ އިހްތިޔާރާއި އެއްބަސްވުން ބާތިލްކުރުމުގެ އިހްތިޔާރު ޓޫރިޒަމް މިނިސްޓްރީއަށް ދީފައިވާކަމަށް ބަޔާންކޮށްފައިވާއިރު، އެ އެއްބަސްވުމުގެ ދަށުން ޕޮޕިއުލާ މޯލްޑިވްސް ޕްރައިވެޓް ލިމިޑެޓަށް މަތިކޮށްފައިވާ ކަންކަން ފުރިހަމަކޮށްފައިނުވާތީ، ތ.އޮޅުގިރި ދައުލަތަށް އަނބުރާ ނެގުމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއަށް ފޮނުވުމަށްވެސް ވަނީ ނިންމާފައެވެ.

މި މައްސަލައިގެ އިތުރުންވެސް އެމް.އެމް.ޕީ.އާރު.ސީ އާއި ގުޅޭ ގިނަ ސީރިއަސް މައްސަލަތަކެއްގައި ދަޢުވާކުރުމާމެދު ގޮތެއް ނިންމަން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހާއެކު އެންޓި-ކޮރަޕްޝަން މަޝްވަރާ ކުރަމުންގެންދާކަމަށް އެ ކޮމިޝަނުން ބުނެއެވެ.