ޕާކިސްތާނުގެ ހުޅަނގު އުތުރުގައި ދިން ޖާނުން ފިދާވުމުގެ ހަމަލާއެއްގައި ފުލުހުންގެ 12 މީހަކު މަރުވެއްޖެއެވެ.

ޕާކިސްތާނުގެ ހުޅަނގު އުތުރުގައި އޮންނަ ޚައިބަރް ޕަޚްތޫންޚުވާ ޕްރޮވިންސްގެ ފުލުހުންގެ މަރުކަޒަކަށް، އަމާޒުކޮށް ގޮވާތަކެތި ހަރުކޮށްފައިވާ އުޅަނދެއް ބޭނުންކޮށްގެން ދިން ޖާނުން ފިދާވުމުގެ ހަމަލާގައި މަދުވެގެން 12 ފުލުހުން މަރުވެ، އިތުރު ބަޔަކު ވަނީ ޒަޚަމްވެފައެވެ.

މި ހަމަލާ އަމާޒުކުރީ އެ ޕްރޮވިންސްގެ ބައްނޫ ޑިސްޓްރިކްޓުގައި ހުންނަ ފުލުހުންގެ މަރުކަޒަކަށެވެ.

މި ހާދިސާ ހިނގާފައިވަނީ ހޮނިހިރު ދުވަހުގެ ރޭގަނޑު ލޯކަލް ގަޑިން 8:55 ހާއިރު އެވެ.

މި ހަމަލާގެ ސަބަބުން އެ އިމާރާތަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް "ޒިންހުއާ" ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި، މި ހަމަލާގައި ފުރަތަމަ ގޮވާތަކެތި ހުރި އުޅަނދެއް ގޮއްވާލުމަށްފަހު، ޑްރޯން ބޭނުންކޮށްގެންނާއި ހަނގުރާމަވެރިން އެއްގަމު މަގުން ވަނީ ހަމަލާދީފައެވެ.

ސަލާމަތީ ޚިދުމަތްތަކުން އަންދާޒާކުރާ ގޮތުގައި މި ހަމަލާގައި 1,200 އާއި 1,500 ކިލޯއާ ދެމެދުގެ ބަރުދަން ހުރި ގޮވާތަކެތި ބޭނުންކޮށްފައި ވެއެވެ.

އެ ހަމަލާގެ ޒިންމާ "އިއްތިހާދުލް މުޖާހިދީން ޕާކިސްތާން" ނަމަކަށް ކިޔާ ހަނގުރާމަވެރި ޖަމާއަތަކުން ވަނީ ނަގާފައެވެ.

މިހާރުވެސް އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ރެސްކިއު ޓީމުތަކުން ދަނީ ކުރަމުންނެވެ.

އެ ހަމަލާގައި ފުލުހުންގެ 12 މީހަކު މަރުވެ ފުލުހުންގެ 5 މީހަކު ޒަހަމްވެ އިތުރު މީހަކު ވަނީ ގެއްލިފައެވެ.

އަދި ހަމަލާއާއެކު ހަލާކުވި އިމާރާތުގެ ބައިތަކުގެ ދަށުގައި އިތުރު މީހުން ތިބެދާނެ ކަމަށް ސަލާމަތީ ޚިދުމަތްތަކުން ލަފާކުރެއެވެ.

ފަހަކަށް އައިސް ޕާކިސްތާނުގެ އަފްޣާނިސްތާނާ އިންވެގެން އޮންނަ ސަރަހައްދުތަކުގައި ސަލާމަތީ ބާރުތަކަށް އަމާޒުކޮށް ދޭ ހަމަލާތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.