މިއަހަރުގެ ހުޅަނގު މޫސުން ފެށިއްޖެ އެވެ.
މެޓް އޮފީހުން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނީ މިއަހަރުގެ ހުޅަނގު މޫސުން ދެކުނުގެ އަތޮޅުތަކަށް ފެށިފައި ވަނީ މޭ މަހުގެ 8 ވަނަ ދުވަހުގައި ކަމަށެވެ.
މެޓުން ބުނީ ހުޅަނގު މޫސުން ފެށުނުކަމަށް ބަލާ މިންގަނޑެއް ވާ ކަމަށެވެ. އެގޮތުން އެ މިންގަޑުގައި ވާރޭ، 1 މޭގެ ފަހުން ދެކުނުގެ އަތޮޅުތަކުގެ މަދުވެގެން 60 އިންސައްތަ ސްޓޭޝަނުން 2.5 މިލިމީޓަރު ނުވަތަ އިތުރަށް ދުވާލެއްގެ މައްޗަށް ރެކޯޑު ކުރުން، ވައި، 1 މޭގެ ފަހުން ދެކުނުގެ އަތޮޅުތަކުގެ މަދުވެގެން 60 އިންސައްތަ ސްޓޭޝަނުގައި ވައިގެ މިސްރާބު ހުޅަނގު ދެކުނާއި، ހުޅަނގާ ދެމެދު ހުރެފައި، ގަޑިއަކު 10 ނޯޓިކަލް މޭލަށް ވުރެއް ބާރުމިނުގައި ޖެހުން އަދި ދެ ހާލަތު ވިދިވިދިގެން 2 ދުވަހަށް ނުވަތަ އިތުރަށް ދެމިގެން ދިއުން ހިމެނެއެވެ.
ރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުމަކީ މީލާދީ ގޮތުން ބަލާއިރު ގާތްގަނޑަކަށް ޖަނަވަރީ މަހުން ފެށިގެން މާޗް މަހުގެ ނިޔަލަށެވެ. އަދި ހުޅަނގު މޫސުމަކީ ގާތްގަނޑަކަށް މޭމަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.
ހުޅަނގު މޫސުމުގެ އަސަރުތައް އާންމު ގޮތެއްގައި މޭމަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފްތާގެ ތެރޭގައި ދެކުނުގެ އަތޮޅުތަކަށް ފަށައެވެ. އޭގެފަހުން މި މޫސުމުގެ އަސަރު މެދުރާއްޖެތެރެއަށް ފޯރައި، މޭމަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށިގެން ދާކަމަށް މެޓުން ބުނެއެވެ.