މިއަދުގެ ކުޑަކުދިންނަކީ، މާދަމާ ޤައުމާ ހަވާލުވާނެ ޒުވާނުން ކަމުގައި ވީހިނދު، އެ ކުދިންނަކީ އިސްލާމީ ރިވެތި އުޞޫލުތަކާއި ދިވެހިވަންތަ އާދަކާދަތަކަށް އަހުލުވެރިވެފައިވާ، އަޚްލާޤު ރަނގަޅު ބަޔަކަށް ހެދުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުޑަކުދިންގެ ދުވަހާ ގުޅުވާގެން ފޮނުއްވެވި ހިތާބުގައި ވިދާޅުވީ ކުޑަކުދިން ހެދިބޮޑުވަމުން އަންނައިރު، އެ ކުދިންނަށް އޯގާތެރިކަމާއި ލޯބި ނުހަނު ބޮޑަށް ބޭނުންވާ ކަމަށެވެ. ޢާއިލާގެ ތެރެއިންނާއި، ސްކޫލް މާޙައުލުން އެ ކުދިންނަށް ހިތްވަރުދީ، ރަނގަޅު މަގު ދައްކައިދިނުމަކީ، ކޮންމެ ބޮޑު މީހެއްގެ ވެސް ވާޖިބެއް ކަމަށެވެ.
ކުޑަކުދިންނަކީ ޤައުމުގެ މުސްތަޤްބް ކަމަށާއި އެ ކުދިންނަށް ރަނގަޅު ތަޢުލީމާއި ތަރުބިއްޔަތު ދިނުމަކީ ސަރުކާރާއި މުޅި މުޖުތަމަޢުގެ ބޮލުގައި އެޅިފައިވާ ވަރަށް ބޮޑު ޒިންމާއެއް ކަން ރައީސްގެ ހިތާބުގައި ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅޫވީ، ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ކުޑަކުދިންނަށް ބޭނުންވާ ޞިއްޙީ ފަރުވާއާއި، ފެންވަރު ރަނގަޅު ތަޢުލީމު ކަށަވަރުކޮށްދިނުމަށް ކަމަށެވެ. ދިވެހި ކޮންމެ ކުއްޖަކީ ސްކޫލް ސިސްޓަމްގެ ތެރެއިން ފުރުޞަތު ލިބިގެން ހެދިބޮޑުވަމުން އަންނަ ކުއްޖެއްކަން ސަރުކާރުން ކަށަވަރު ކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.
ހަމައެހެންމެ، އެ ކުދިންނަށް ކުރިމަތިވާ އެކި ބާވަތުގެ ގޯނާތަކުން ރައްކާތެރިކޮށް، ސަލާމަތްތެރި މާޙައުލެއް ޤާއިމުކޮށްދިނުމަކީ ދައުލަތުގެ އެންމެ އިސް އެއް ސިޔާސަތެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އޮންލައިން ދުނިޔޭގައި، އާ ނުރައްކާތަކެއް ކުޑަކުދިންނަށް ދަނީ ކުރިމަތިވަމުންނެވެ. ޒަމާނީ ތައުލީމާއި އަދި މުނިފޫހިފިލުވުމުގެ ފުރުޞަތު ފަހިކުރުމަށް އެ ކުދިންގެ އަތަށް ދޭ ޒަމާނީ ވަސީލަތްތަކުގެ ސަބަބުން، ބައެއް ކުދިންނަށް އިޢާދަނުކުރެވޭ މިންވަރުގެ ބޮޑެތި ނުރައްކާތައް ކުރިމަތިވަމުންދާ ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިއީ މިފަދަ ދުވަހެއްގައި ކުޑަކުދިންގެ ޙައްޤުގައި މުދައްރިސުންނާއި ބެލެނިވެރިން، އާ ވިސްނުންތަކެއް ވިސްނަންޖެހޭ ދުވަހެއް ކަމަށެވެ. ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް އެންމެން ގުޅިގެން ވިލުންތެރި މަސައްކަތްތަކެއް ކުރުމަށް ރައީސް ވަނީ އިލްތިމާސް ކުރައްވާފައެވެ.
ކޮންމެ އަހަރެއްގެ މޭ މަހުގެ 10 ވަނަ ދުވަހަކީ، ދިވެހިރާއްޖޭގައި ކުޑަކުދިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ އުފާވެރި ދުވަހެވެ. މި ދުވަހަކީ ކުޑަކުދިންގެ ޙައްޤުތަކަށް ރައްކާތެރިވުމަށާއި، އެ ކުދިންނަށް އުފާވެރި މާޙައުލެއް ހޯދައިދިނުމަށް އަޅުގަނޑުމެން ކުރާ މަސައްކަތްތައް އާލާކޮށް ދިރުވުމަށް އާހިތްވަރަކާއެކު ޢަޒުމްތައް އާކުރަން ލިބޭ ވަރަށް މުހިންމު ފުރުޞަތެކެވެ.