މައްކާ ރޫޓު އިނީޝިއޭޓިވްގެ އިންތިޒާމުތައް ހަމަޖެއްސުމަށް ސަޢުދީ ޢަރަބިއްޔާގެ ބޭފުޅުން ރާއްޖެއަށް ވަޑައިގަންނަވަން ފައްޓަވައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނި 1447 ވަނަ އަހަރުގެ ޙައްޖުވެރިން ރާއްޖޭން ފުރުމުގެ އިންތިޒާމްތަކުގެ ތެރެއިން، މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ހަމަޖައްސަންޖެހޭ އިންތިޒާމުތައް ހަމަޖެއްސުމަށް ސަޢުދީ ޢަރަބިއްޔާގެ ބޭފުޅުން ރާއްޖެ ވަޑައިގަންނަވަން ފައްޓަވާފައިވާ ކަމަށެވެ.

އެގޮތުން މައްކާ ރޫޓު އިނީޝިއޭޓިވްގެ ވަފުދުގެ އިސްބޭފުޅެއްކަމަށްވާ އޮޕަރޭޝަންސް މެނޭޖަރ ޢުމަރު ޢަބްދުލްމަޖީދު އާރް. އައްދަޢީޖު ވަނީ ރޭގައި ރާއްޖެ ވަޑައިގަންނަވާފައި ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ. އަދި މައްކާ ރޫޓޫ އިނީޝިއޭޓިވްގެ ވަފުދުގައި ހިމެނިވަޑައިގަންނަވާ އިތުރު 18 ބޭފުޅުން 11 މެއި 2026 ގައި ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް މިނިސްޓްރީން ބުނެފައި ވެއެވެ.

ޙައްޖުވެރިންގެ ދަތުރު ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ސަޢުދީ ޢަރަބިއްޔާއިން ކުރިއަށް ގެންދާ މައްކާ ރޫޓު އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ހިމަނާފައި ވަނީ 1446 ވަނަ އަހަރުގެ ޙައްޖު މޫސުމުގައެވެ. އެގޮތުން މިދިޔަ އަހަރު ރާއްޖޭގައި މި ޚިދުމަތް އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މައްކާ ރޫޓު އިނީޝިއޭޓިވް ކޮމިޓީގެ ޗެއާމަން އަދި ސައޫދީ ދާޚިލީ ވަޒީރުގެ އެޑްވައިޒަރު ލެފްޓިނެންޓް ޖެނެރަލް ހިޒް އެކެސެލެންސީ ސުލައިމާން ބިން އަބްދުލްއަޒީޒު އަލްޔަޙްޔާގެ އިތުރުން ސަޢުދީ ޢަރަބިއްޔާ އިސް ވަފުދެއް ބައިވެރިވެލެއްވިއެވެ.

މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ދިވެހި ޙައްޖުވެރިން ސައުދީއަށް ދަތުރުކުރުމުގެ އިންތިޒާމް ހަމަޖެހިގެންދިއުމަކީ ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހައެއްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ދިވެހި ޙައްޖުވެރިން ސަޢުދީއަށް އެތެރެވުމުގެ ކުރިން ސަޢުދީ ޢަރަބިއްޔާގެ އިމިގްރޭޝަން ނިމޭއިރު، ޙައްޖުވެރިންގެ ފޮށިތައްވެސް މައްކާ ރޫޓު އިނީޝިއޭޓިވްގެ ފަރާތުން ޙައްޖުވެރިން ތިއްބަވާ ހޮޓަލާއި ހަމައަށް ގެންގޮސްދެއެވެ. އެހެންކަމުން ޙައްޖުވެރިން ޖިއްދާ އެއާޕޯޓުގައި ހޭދަކުރަން ޖެހޭ ވަގުތު ވަރަށް ބޮޑަށް މަދުވެ، ޙައްޖުވެރިންގެ ދަތުރަށް ބޮޑު ފަސޭހައެއް ލިބިގެންދެއެވެ.

ދިވެހިރާއްޖެއަށް މި ޚިދުމަތް ލިބިފައިވަނީ އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ސަޢުދީ ޢަރަބިއްޔާގެ ކަމާބެހޭ އިސްވެރިންނާއެކު ކުރެވުނު މުހިއްމު މަޝްވަރާތަކަކަށް ފަހުގައިކަން ފާހަގަކޮށްލެވެއެވެ.

ޚާއްސަ ހުއްދައެއްގެ ދަށުން މި ޚިދުމަތް ދިވެހިރާއްޖެއަށް ފޯރުކޮށްދެއްވުމަކީ، ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްއާއި، ވަލީއަޙްދު މުޙައްމަދު ބިން ސަލްމާންގެ ހިތްޕުޅުގައި ދިވެހި ރައްޔިތުންނާއި މެދު އޮތް ގުޅުމާއި ދިވެހިރާއްޖެއަށް ބަހައްޓަވާ ގާތްކަން ފާހަގަވާ ކަމަކެވެ.