ބޯހިޔާވަހިކަމަކީ ދިވެހި ކޮންމެ ރައްޔިތެއްގެވެސް އަސާސީ އެއް ޙައްޤަކަށް ވާހިނދު، ދިވެހި ސިފައިންނަށްވެސް މި ޙައްޤު ފުރިހަމަވާންޖެހޭ ކަމަށާއި، ސަރުކާރުގެ ހައުސިންގް ސްކީމްތަކުގެ ތެރެއިން، އަސާސީ ބޯހިޔާވަހިކަން ލިބޭ ސިފައިންގެ ޢަދަދު އިތުރުކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

ދިވެހި ސިފައިންގެ 134 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، ކަޅުތުއްކަލާކޮށީގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ދިވެހި ގައުމުގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްފަހު ދެން އެމަނިކުފާނު އެންމެ އިސްކަމެއްދެއްވާ ކަމަކީ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްކަމަށެވެ. އެމަސައްކަތުގެ ތެރެއިން ސިފައިންނަށް މިހާރަށްވުރެ ބޮޑަށް ބޯހިޔާވަހިކަމުގެ ފުރުސަތު ފަހިކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ ބަނޑޭރިކޮށި ސަރަހައްދު ތަރައްގީކުރުމުގެ މަސައްކަތަކީ އެކި ސަރުކާރުތަކުން ކުރާނެ ކަމަށް މީގެކުރިން ބުނެ އަދި ނުކުރެވިވާ މަސައްކަތެއްކަމަށެވެ. ނަމަވެސް އެސަރަހައްދު ތަރައްގީކުރުމުގެ މަސައްކަތް މިސަރުކާރުން ފަށާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ ސިފައިންގެ ޚިދުމަތުގައި ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު ޚިދުމަތް ކުރަމުންދާ ސިފައިންނަށް، އެއް ރޭންކުގައި ވަކި މުއްދަތެއް ވިއަސް، މިހާރު އޮތް ޤަވާއިދުގެ ތެރެއިން ލިމިޓޭޝަން ހަމަވާ ގޮތަށް އޮތް އޮތުން ބަދަލުކުރައްވައި، ސިފައިންގެ ޚިދުމަތުގައި ދެމި ހުރެވޭނެ ގޮތަށް ބަދަލުކޮށްދެއްވާނެ ކަމުގައެވެ.

ރައީސް ވިދާޅުވީ ސިފައިންގެ ކޮމާންޑަރު ސެންޓަރުތައް ރާއްޖޭގެ އެކި ހިސާބުތަކުގައި މިހާރުވެސް ގާއިމުވެފައިވާކަމަށެވެ. ކުރިޔަށް އޮތްތަނުގައި ސިފައިން މަސައްކަތްކުރާނީ އެމީހެއްގެ އާއިލާ ދިރިއުޅޭ ސަރަހައްދެއްގައި ހުންނަ ކޮމާންޑަރު ސެންޓަރުގައިކަމަށް ރައީސް ވިދާޅުވުއެވެ.

ދިވެހި ސިފައިންގެ 134 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ މެޑެއްޔާއި ފިލާ ހަވާލުކޮށްދެއްވާފައެވެ. އެގޮތުން މަތިވެރި ޚިދުމަތުގެ މެޑަލް، ރައީސުލްޖުމްހޫރިއްޔާގެ މެޑަލް، ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވުމުގެ މެޑަލް، ހަށިހެޔޮކަމުގެ ކުލަ ހާސިލުކުރެއްވި ސިފައިންނާއި، 2025 ފިޓަސްޓް ސޯލްޖަރ އަންހެން، އަދި ފިރިހެންގެ އިތުރުން، ފިޓަސްޓް ޔުނިޓަށް މެޑައްޔާއި ފިލާ ހަވާލުކޮށްދެއްވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ، ސިފައިންގެ ޚިދުމަތުގެ ސަރވިސް ކޯގެ ދަށުން ހިންގާ ސްކޫލް އޮފް އިންޖިނޭރިންގް އެންޑް ލޮޖިސްޓިކްސް ރަސްމީކޮށް ހުޅުއްވައިދެއްވައި، އިފްތިތާޙުކޮށްދެއްވާފައެވެ. ބ. ކިހާދޫގައި ހިންގާ މި ސްކޫލަކީ ދިވެހި ސިފައިންގެ ފަންނީ ހުނަރާއި، ޢިލްމީ ޤާބިލުކަން އިތުރުކުރުމަށްޓަކައި ހިންގޭ މަރުކަޒެކެވެ.

ދިވެހި ސިފައިންގެ 134 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި، ޚާއްޞަ ދުޢާއެއް ކުރުންވެސް އޮތެވެ.

މިރޭގެ ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަޑައިގަތުމުން އެ ދެކަނބަލުންނަށް އިސްތިޤުބާލުކުރައްވައި، މަރުޙަބާ ވިދާޅުވީ ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު، ޙަސަން ރަޝީދުގެ ދެކަނބަލުންނާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީގެ ދެކަނބަލުން އަދި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަޙްމަދު ޣިޔާޘެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ޝަރަފުގައި ގާޑް އޮފް އޮނަރއެއް ވަނީ އަރުވާފައެވެ. މިރޭގެ ރަސްމިއްޔާތުގައި ދިވެހި ދިފާޢީ ބާރުގެ އިސް އޮފިސަރުންނާއި، ދަޢުލަތުގެ ވަޒީރުންނާއި، އިސްވެރީންގެ އިތުރުން ގިނަ ޢަދަދެއްގެ ސިފައިން ބައިވެރިވެވަޑައިގަތެވެ.

ދިވެހި ސިފައިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް އޭޕްރިލް މަހުގެ 21 ވަނަ ދުވަހެވެ.