ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހައްޔަރު ކުރަން މާލެ ސަރަަހައްދުގައި މިއަދު ހަވީރު ފެށި ބޮޑު އޮޕަރޭޝަންގައި 250 އަށްވުރެ ގިނަ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ކުރިއަށްގެންދާ "އޮޕަރޭޝަން ކުރަނގީ"ގެ ތިން ވަނަ ފިޔަވަހީގެ ދަށުން ބަޔޮމެޓްރިކްސް ނުދީ އުޅޭ ބިދޭސީން ހޯދުމަށް މިއަދު ޓާސްކް ފޯސް އިން އޮޕަރޭޝަން ފެށީ 4:00 ގައި އަދި ނިންމާލީ މިއަދު އިރުއޮއްސި 6:00 ގައެވެ.
އިމިގްރޭޝަންގެ 200 އަށްވުރެ ގިނަ އޮފިސަރުންނާއި ފުލުހުންގެ 100 އޮފިސަރުންވެސް މި އޮޕަރޭޝަންގައި ވަނީ ބައިވެރިވެފައެވެ.
މި އޮޕަރޭޝަނުގައި 639 ތަނެއް ބަލައި ފާސްކޮށްފައިވެއެވެ. މީގެތެރެއިން ގަވާއިދާ ޚިލާފަށް ބިދޭސީން މަސައްކަތްކުރަމުންދިޔަ 2 ތަނެއް ވަނީ ބަންދުކޮށްފައެވެ.
ޓާސްކްފޯހުން ކުރިއަށްގެންދިޔަ މި އޮޕަރޭޝަނުގެ ތެރެއިން 1344 ބިދޭސީން ބަލައި ފާސްކޮށްފައިވެއެވެ. އަދި ބަލައި ފާސްކުރި ބިދޭސީންގެ ތެރެއިން ގަވައިދާއި ޚިލާފަށް ރާއްޖޭގައި އުޅެމުންދިޔަ އަދި މަސައްކަތްކުރަމުންދިޔަ 254 ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީންގެ ތެރެއިން 86.2 އިންސައްތަ މީހުންނަކީ ފިރިހެނުންނެވެ. އެއީ 219 މީހުންނެވެ. އަދި ބާކި ތިބި 13.8 އިންސައްތަ މީހުންނަކީ އަންހެންނުންނެވެ. އެއީ 35 މީހުންނެވެ.
ބިދޭސީންގެ ބަޔޯމެޓްރިކް ނެގުމަށް އޮޕަރޭޝަން ކުރަނގި ފެށިފައިވަނީ 2024 ގެ މެއި މަހުގެ 2 ވަނަ ދުވަހެވެ. މި އޮޕަރޭޝަންގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ފިންގަރ ޕްރިންޓާއި ފޮޓޯ އަދި މަޢުލޫމާތު އެއްކުރުމެވެ.