ދިވެހިރާއްޖޭގެ މިނިވަންކަން ދިފާއު ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ވަނީ އިތުރުވެފައިވާ ކަަމަށް ޗީފް އޮފް ޑިފެންސްފޯސް ފޯސް މޭޖާރ ޖެނެރަލް އިބްރާހީމް ހިލްމީ ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފްއަށް 134 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިރޭ ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން މޭޖާރ ޖެނެރަލް ހިލްމީ ވިދާޅުވީ ދިވެހި ރާއްޖެ ޤާއިމްވެފައި މިވަނީ އިންޑިޔާ ކަނޑުގެ ވަރަށް މުހިންމު މަންޒިލްއެއްގައި ކަމަށެވެ.
ދިވެހިރާއްޖޭގެ އުތުރުން ބައުންޑަރީ ގުޅިފައިވަނީ ސްރީލަންކާ އަދި އިންޑިޔާ އާ ކަމަށާއި އިރުމައްޗާއި ހުޅަނގުގައި ވަނީ ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދު އަދި ދިވެހި ރާއްޖޭގެ ދެކުނުގައި ވަނީ ފޯޅަވައްސެވެ.
އިންޑިޔާ ކަނޑުގެ އިރުން ހުޅަނގަށް އަދި ހުޅަނގު އިރަށް ދަތުރު ކުރާ ބޯޓު ފަހަރުތައް މަންޒިލަށް ވާސިލްވުމަށް ރާއްޖެ ކައިރިން އަދި ރާއްޖޭގެ އެތެރެއިން ހުރަސް ކުރަން ޖެހޭކަން ފާހަގަކުރައްވާ މޭޖާރ ޖެނެރަލް ވިދާޅުވީ އަހަރެއްގެ މައްޗަށް އެވެރެޖްކޮށް 70،000 އާއި 90،000 ދެމެދުގެ ބޯޓު ފަހަރު ދިވެހި ރާއްޖޭގެ އެތެރޭންނާއި ރާއްޖެ ކައިރިން ދަތުރުކުރާކަމަށެވެ. އަދި މިއީ އިންޑިޔާ ކަނޑުގެ އެންމެ މުހިންމު ކަނޑު އޮޅިތަކުގެ ކޮންޓްރޯލް ރާއްޖެއަށް ލިބިފައިވާ ކަން ސާބިތުކޮށްދޭ ވަރުގަދަ ހެއްކެއް ކަމަށް ވިދާޅުވިއެވެ.
މިއީ ދިވެހި ރާއްޖޭގެ 200 މޭލު ބޭރު ކަމުގައިވީ ނަމަވެސް މިއީ ދިވެހި ރާއްޖޭގެ މިނިވަން ކަމާއި އިސްތިގްލާލު އާއި ސިޔާދަތަށް ކުރިމަތިވާ އަދި ކުރިމަތިކުރާ ސަލާމަތީ ނުރައްކާތަކެއްކަން މޭޖާރ ޖެނެރަލް ހިލްމީ ފާހަގަކުރެއްވިއެވެ.
އެހެންކަމުން ދިވެހިރާއްޖޭގެ ހުރިހާ ރަށްތަކެއް ބިމާއި ވައިގެ ސަރަހައްދު އަދި ޖައްވާ ކަނޑުގެ ސަރަހައްދު ދިފާއުކޮށް ހިމާޔަތް ކުރުމަކީ ދިވެހި ސިފައިންނަށް ޤާނޫނު އަސާސީ މަތިކޮށްފައިވާ ވަރަށް މުހިންމު މަސްއޫލިޔަތެއްކަން މޭޖާރ ޖެނެރަލް ހިލްމީ ފާހަގަކުރެއްވިއެވެ.
ހަމަ އެހެންމެ ސިފައިންނަށް ޤާނޫނުގައި ބަޔާން ކޮށްފައިވާ ސިފައިންގެ މަޤަސަދުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ މިނިވަންކަމާއި އިސްތިޤްލާލު އަދި ސިޔާދަތު ހިމާޔަތްކޮށް ދިފާއުކުރުން ހިމެނިފައިވާތީ ދިވެހި ރާއްޖޭގެ ސަރަހައްދުގެ 200 މޭލު އެތެރެ ދިފާއުކޮށް ހިމާޔަތް ކުރުމާއެކު ދިވެހި ރާއްޖެއަށް 200 މޭލު ބޭރުން ކުރިމަތިވާ އެންމެހާ ސަލާމަތީ ނުރައްކާތަކާ ކުރިމަތިލާންޖެހޭ ކަމަށް މޭޖާރ ޖެނެރަލް ހިލްމީ ވިދާޅުވިއެވެ.