ޤައުމީ މަސްލަހަތާއި ބޭރު ޤައުމުތަކާއެކު އޮންނަ ގުޅުންތަކަށް އަސަރުކުރާ ފަދަ ކަންކަމުގައި ވާހަކަދައްކާއިރު، ނުހަނު ބޮޑަށް ސަމާލުވެ، ޙިކުމަތްތެރިކަން އިސްކުރުމުގެ މުހިންމުކަން ފާހަގަކޮށް، އެމަގުން ކަންކަން ކުރުމަށް ސަރުކާރުން ގޮވާލައިފިއެވެ.

އެކަމަށް ގޮވާލާ ފޮރިން މިނިސްޓްރީން ބަޔާނެއް މިނެރުނީ އިންޑިޔަން އޯޝަން ޑައިލޮގްގައި ބައިވެރިވެވަޑައިގަތުމަށް އިންޑިޔާއަށް ކުރެއްވި ދަތުރުފުޅުގެ ތެރޭގައި މޮރިޝަސްގެ ޚާރިޖީ ވަޒީރާ ބައްދަލުކުރައްވާ ދެ ގައުމުގެ މެދުގައި ސުލްހަވެރި ހައްލެއް ހޯދުމަށް މަޝްވަރާކުރެއްވި ކަމަށް ވިދާޅުވުމާއި ގުޅިގެންނެވެ. ދަތުރުފުޅު ނިންމަވާލައްވާ ރާއްޖެ ވަޑައިގެން ނަޝީދު ވިދާޅުވީ ޗާގޯސް މައްސަލައިގައި މޮރިޝަސް އިން ރާއްޖެއާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލާފައިވީނަމަވެސް އެގައުމުން އޮތީ ދިވެހި ސަރުކާރާއެކު މަޝްވަރާކުރަން ތައްޔާރަށްކަމަށެވެ. މޮރިޝަސް އިން ދިން މިފުރުސަތުގެ ބޭނުން ހިފުމަށްވެސް ނަޝީދު ވަނީ ދިވެހި ސަރުކާރަށް ގޮވާލައްވާފައެވެ.

މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ މިނިވަން މުސްތަޤިއްލު ދައުލަތެއްގެ ހައިސިއްޔަތުން، ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަންކޮށް ކުރިއަށް ގެންދަނީ ޤައުމީ މަސްލަހަތުގެ މައްޗަށް ބިނާވެފައިވާ، ކަނޑައެޅިފައިވާ ނިޒާމުތަކުގެ ތެރެއިންކަމުގައެވެ. މިގޮތުން ރާއްޖޭގެ ތަރައްޤީގެ ބައިވެރިންނާއެކު އޮންނަ ޒަމާންވީ ގުޅުންތަކަށާއި، އެކަކު އަނެކަކަށް ކުރާ އިޙުތިރާމާއި ދެފަރާތުގެ މަސްލަހަތުގެ މައްޗަށް ބިނާވެފައިވާ ގާތް ގުޅުމެއް، ހުރިހާ ޤައުމުތަކާއެކު ބޭއްވުމަށް ދިވެހިރާއްޖެއިން ނުހަނު ބޮޑު އިސްކަމެއްދޭ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. އަދި، ސަރަޙައްދީ ޞުލްޙަ މަސަލަސްކަމާއި، ކަނޑުގެ ސަލާމަތާއި، ދެމެހެއްޓެނިވި ތަރައްޤީ ފަދަ ކަންކަމުގައި، ޤައުމުތަކާއި ޖަމްޢިއްޔާތަކާއެކު އޮންނަ އެއްބާރުލުން ހަމަހަމަ އަދި ބިނާކުރަނިވި ގޮތެއްގައި ވަރުގަދަކުރުމަށް ސަރުކާރުން ދެމިއޮންނާނެކަމަށްވެސް ބުނެފައިވެއެވެ.

"ޚާރިޖީ ސިޔާސަތާއި، ސަރަޙައްދީ ސަލާމަތާއި، ބައިނަލްއަޤުވާމީ ގުޅުންތަކާ ގުޅޭގޮތުން، ޚާއްޞަކޮށް ދައުލަތުގެ މަތީ މަގާމުތައް ފުރުއްވާފައިވާ ބޭފުޅުން ފާޅުކުރައްވާ ހިޔާލުތަކަކީ އޭގެ ސަބަބުން ނޭދެވޭ ނަތީޖާތަކެއް ނުކުމެދާނެ ކަންކަމެވެ. އެހެންކަމުން މިފަދަ ވާހަކަތަކަކީ ޙަޤީޤަތުގެ މައްޗަށް ބިނާވެފައިވާ، ޤައުމީ އެއްބައިވަންތަކަމަށާއި ރާއްޖޭގެ މުވައްސަސާތަކަށް އޮންނަ އިތުބާރު ބޮޑުކުރުމަށް ބާރުއަޅާ ވާހަކަތަކަކަށް ވާންޖެހެއެވެ." ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ސިޔާދަތު ރައްކާތެރިކުރުމާއި، ޤައުމީ މަސްލަހަތު އިސްކުރުމާއި، އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމުގެ މައްޗަށް ބިނާވެފައިވާ "މޯލްޑިވްސް ފަސްޓް" ސިޔާސަތަކީ ދިވެހި ސަރުކާރުގެ ޚާރިޖީ ސިޔާސަތުކަމަށްވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ. މި ސިޔާސަތަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކަށް އިޙުތިރާމްކުރާ، ޒިންމާދާރު އަދި މިނިވަން ސިޔާސަތުކަމަށާއި ދޭދޭ ޤައުމުތަކާއި ބައިނަލްއަޤުވާމީ ބައިވެރިންނާއެކު ބިނާކުރަނިވި ގުޅުމެއް ބޭއްވުމަށް ސަރުކާރުން ދޭ އަހަންމިއްޔަތު މިސިޔާސަތުން ހާމަކޮށްދޭކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

ދޭދޭ ޤައުމުތަކާއި ބައިނަލްއަޤުވާމީ ޖަމްޢިއްޔާތަކާއެކު އޮންނަ ގުޅުންތައް އިތުރަށް ބަދަހިކުރުމަށާއި، ރާއްޖޭގެ ސިޔާދަތާއި، ކަރާމާތާއި، ދިގު މުއްދަތުގެ މަސްލަހަތުތައް ރަމްޒުކޮށްދޭ ޚާރިޖީ ސިޔާސަތެއް ކުރިއެރުވުމުގައި ދިވެހި ސަރުކާރު ސާބިތުކަމާއެކު ދެމިއޮންނާނެކަމަށްވެސް އެމިނިސްޓްރީން ވަނީ ބުނެފައެވެ.