ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރިއަށްގެންދާ "އޮޕަރޭޝަން ކުރަނގި" ގެ ތިންވަނަ ފިޔަވަހީގެ ދަށުން ބަޔޯމެޓްރިކްސް މައުލޫމާތު ނުދީ އުޅޭ ބިދޭސީން ހޯދުމަށް މިއަދު ޓާސްކްފޯސްއިން ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބުނީ، "އޮޕަރޭޝަން ކުރަނގީ"ގެ ތިން ވަނަ ފިޔަވަހީގެ ދަށުން ބަޔޮމެޓްރިކްސް ނުދީ އުޅޭ ބިދޭސީން ހޯދުމަށް މިއަދު ޓާސްކް ފޯސް އިން ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ. މި އޮޕަރޭޝަން ހަވީރު 16:00 އިން 18:00 އަށް މާލެ ސަރަަހައްދުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.
މި އޮޕަރޭޝަންގައި ގިނަ އަދަދެއްގެ އިމިގްރޭޝަންގެ އޮފިސަރުން ވަނީ ބައިވެރިވެފައެވެ. އަދި މި އޮޕަރޭޝަން ނިންމުމަށް ފަހު އަތުލާގަތް ބިދޭސީންނާއި ގުޅުން ހުރި މައުލޫމާތުތައް މިރޭ އާއްމު ކުރާނެއެވެ.
ބިދޭސީންގެ ބަޔޯމެޓްރިކް ނެގުމަށް އޮޕަރޭޝަން ކުރަނގި ފެށިފައިވަނީ 2024 ގެ މެއި މަހުގެ 2 ވަނަ ދުވަހެވެ. މި އޮޕަރޭޝަންގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ފިންގަރ ޕްރިންޓާއި ފޮޓޯ އަދި މަޢުލޫމާތު އެއް އަހަރު ދުވަހުގެ ތެރޭގައި އެއްކުރުމެވެ.
އޮޕަރޭޝަން ކުރަނގި ނަމުގައި ބިދޭސީ މަސައްކަތްތެރިންގެ 10 އިނގިލީގެ ނިޝާނާއި ފޭޝަލް ރެކޮގްނިޝަންއަށް ބޭނުންވާ ފޮޓޯ އެއްކުރުމަށް، ރައީސުުލްޖުމްހޫރިއްޔާ ފައްޓަވަދެއްވި މަސައްކަތުގެ ދަށުން 98 އިންސައްތަ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ ވަނީ މިހާތަނަށް ނަގާފައެވެ.
އެކްޓިވް ވޯކްޕާމިޓް އޮތް 10 އިނގިލީގެ ނިޝާން އަދި ފޭޝަލްރެކޮގްނިޝަނަށް ބޭނުންވާ ސާފު ފޮޓޯ ނެގިފައިނުވާ އަދި މިވަގުތު ރާއްޖޭގައި ދިރިއުޅެމުން އަންނަކަން ކަށަވަރު ކުރެވިފައިވާ ބިދޭސީ މަސައްކަތްތެރިން އަދަދު މެއި މަހުގެ ނިޔަލަށް މިވަނީ ހުރީ 2،895ގައެވެ.
ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ކުރެވޭ މި މަސައްކަތް ކުރިއަށް އޮތް 6 މަސް ދުވަހު ކުރިއަށްދާނެއެވެ
އޮޕަރޭޝަން ކުރަނގި ފޭސް ތިނެއްގައި ކުރިއަށްދާނީ މި 2895 މީހުން ހޯދައި އެ މީހުން ޑީޕޯޓުކުރުމުގެ މަސައްކަތާއި ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރި ކުރާ ފަރާތްތައް ހޯދައި ޑީޕޯޓު ކުުރުމުގެ އިތުރުން ސައްޚަ ވޯކްޕާމިޓް އަދި ވިސާ ނެތް މީހުން ހޯދައި ރާއްޖެއިން ފޮނުވާލުމުގެ މަސައްކަތެވެ.
ވިޔަފާރިތަކުގަ މަސައްކަތް ކުރާ ބިދޭސީންގެ ވޯކް ޕާމިޓް ފީ މުއްދަތު ހަމަވުމުގެ ކުރިއަށް ދެއްކުމަށް ބާރު އެޅުމުގެ ގޮތުން އެ ފަރާތްތަކަށް އެކަން އަންގައިދީ އަދި މިހާރު ވޯކް ޕާމިޓް ފީ ނުދެއްކިވާ ފަރާތްތައްވެސް ހިމެނޭ ގޮތަށް ވޯކް ޕާމިޓް ފީ ދައްކާ ފަރާތްތަަކަށް ލުއި ފަސޭހަ އިންތިޒާމުތަކެއް މި ފޭސްގެ ތެރެއިން ލިބިގެންދާނެއެވެ.