މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ރަސްމީ ވެބްސައިޓް (mma.gov.mv) އަށް ދިމާވި ވަގުތީ މައްސަލަ ހައްލުކޮށް، ވެބްސައިޓްގެ ޚިދުމަތްތައް އާންމު ހާލަތަށް ރުޖޫއަ ކުރެވިފައިވާ ކަމަށް އެއިދާރާއިން ބުނެފިއެވެ.

އެމްއެމްއޭ އިން ބުނީ ބަދަލުތަކެއް ގެނެސްފައިވަނީ ހަމައެކަނި ވެބްސައިޓްގެ މައި ސަފުހާ (ހޯމްޕޭޖް) އަށް ކަމަށެވެ.

އަދި އެ ވެބްސައިޓަކީ އެއްވެސް ފަރާތެއްގެ އަމިއްލަ ނުވަތަ ރައްކާތެރިކުރަންޖެހޭ ސިއްރު މައުލޫމާތުތައް ބަލަހައްޓާ ސައިޓަކަށް ނުވާތީ، އެފަދަ އެއްވެސް މައުލޫމާތަކަށް ގެއްލުމެއް ލިބިފައި ނުވާކަމުގެ ޔަގީންކަން އެމްއެމްއޭ އިން ވަނީ ދީފައެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބުތައް އިތުރަށް ދެނެގަތުމަށާއި، ކުރިއަށް އޮތް ތަނުގައި މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމުގެ މަސައްކަތް، ހޯސްޓިންގް ޚިދުމަތްދޭ ފަރާތާ ގުޅިގެން ކުރަމުން އަންނަ ކަމަސް އެމްއެމްއޭއިން ބުނެފައިވެއެވެ.