މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތުގައި އަވަސް ފިޔަވަޅުތައް އެޅުމަށް ދުނިޔޭގެ ހުރިހާ ޤައުމުތަކެއް ގުޅިގެން މަސައްކަތްކުރުމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް ގޮވާލައްވައިފިއެވެ.
"ތުރުކިޔޭސް ރޯޑް ޓު ކޮޕް31 : ރިޒިލިއަންޓް ސިޓީސް"ގެ މަތީފަންތީގެ ބައްދަލުވުމުގައި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް ބައިވެރިވެވަޑައިގެން ވަނީ މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ކުރާ މަސައްކަތްތަކާއި ކާރިސީ ޙާލަތަށްފަހުން އެޙާލަތުން އަރައިގަތުމަށްކުރާ މަސައްކަތްތަކާއި ގުޅޭގޮތުން ޤައުމުތަކުގެ ތިމާވެށީގެ ދާއިރާގައި މަސައްކަތްކުރާ ލީޑަރުނާ މަޝްވަރާކުރައްވާފައެވެ.
މިބައްދަލުކުރެއްވުމުގައި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް ވަނީ މޫސުމީ ބަދަލުތަކާއި ދެކޮޅަށް ކުރެވޭ މަސައްކަތުގައި ޤައުމުތަކުން ކުރާ މަސައްކަތް އިތުރަށް އަވަސްކޮށް، ހަރުދަނާކުރުމަށާއި، މޫސުމީ ބަދަލުތަކާއި ދެކޮޅަށް އަންނަ އީޖާދީ ބަދަލުތަކަށް އެއްބާރުލުންދިނުމަށް ގޮވާލައްވާފައެވެ.
ވަޒީރު ވިދާޅުވީ ކޮޕް31 ސަމިޓުގައި ތުރުކީއިން އަދާކުރާ ދައުރަށް ރައްޖޭގެ ފުރިހަމަ އެއްބާރުލުމާއި ތާޢީދު އޮންނާނެކަމަށެވެ. އަދި މިބައްދަލުވުމުގެ ހަވާސާގައި، ޔޫއެން ހިއުމަންޓް ސެޓްލްމަންޓް ޕްރޮގްރާމްގެ އެގްޒެކެޓިވް ޑިރެކްޓަރ އަނަކްލައުޑިއާއާއި ބައްދަލުކުރައްވާފައެވެ. އަދި މޫސުމީ ބަދަލުތަކާއި ގުޅޭގޮތުން ފޯރުކޮށްދޭ މާލީއެހީއަށް ރާއްޖެއިން ހުށައަޅާ ކަންތައްތައް އެޑަޕްޓޭޝަން ފަންޑުގައި ހިމެނުމާ ގުޅޭގޮތުންވަނީ މަޝްވަރާކުރައްވާފައެވެ.
މީގެ އިރުތުން ވަޒީރުވަނީ ބުރުނެއީގެ މިނިސްޓަރ އޮފް ޑިވެލޮޕްމަންޓް މުޙައްމަދު ޖުއަންދާ އާއި ބައްދަލުކުރައްވާ ކުރިއަށްއޮތް ކޮޕް ސަމިޓާއި ދިމާކޮށް ދެޤައުމުން އިސްކަންދޭ ދާއިރާތަކުން އިތުރަށް ގުޅިގެން މަސައްކަތްކުރުމާއި ގުޅޭގޮތުންވަނީ މަޝްވަރާކުރައްވާފައެވެ.