ސައްޙަކަން ކަށަވަރު ކުރެވިފައިވާ އެކްޓިވް ވޯކްޕަރމިޓުގައި މިވަގުތު ރާއްޖޭގައި ޤާއިމުވެތިބެގެން މަސައްކަތް ކުރަމުންދާ ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން 98 އިންސައްތަ މީހުން ބަޔޯމެޓްރިކް ނަގާ ނިމިއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ބަޔޯމެޓްރިކަލީ ކާކުކަން ދެނެގަނެވޭނެ ގޮތަށް 10 އިނގިލީގެ ނިޝާނާއި ސާފު ފޮޓޯއާއެއްކޮށް ދިވެހި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ މަސައްކަތްތެރިން 98 އިންސައްތަ ފުރިހަމަވެފައިވާ ކަމަށެވެ.
މި އަދަދު 17 ނޮވެމްބަރު 2023 ގައި ހުރީ އެންމެ 13 އިން ސައްތައިގައި ކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ކުރެވޭ މަސައްކަތުގައި ކުރިއަށް އޮތް 6 މަސް ދުވަހު ކުރެވޭނެ މަސައްކަތަކީ ބާކީ ތިބި މީހުން ހޯދާ ރާއްޖެއިން ޑިޕޯޓުކުރުމުގެ ޚާއްސަ މަސައްކަތްތައް ކަމަށް ރައީސް ވިދާޅުވިއެވެ.
ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރާ މަސައްކަތުގެ ފުރަތަމަ މަރުހަލާގެ ދަށުން "އޮޕަރޭޝަން ކުރަނގި" ފަށާފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 02ވަނަ ދުވަހުއެވެ. މި އޮޕަރޭޝަންގެ ފުރަތަމަ މަރުހަލާގެ ބޭނުމަކީ ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންނަކީވެސް ގަވާއިދުގެ ތެރޭގައި މަސައްކަތް ކުރާ ބަޔަކަށް ހެދުމެވެ.
އޮޕަރޭޝަން ކުރަނގީގެ މައިގަނޑު މަގްސަދަކީ ދިވެހިރާއްޖޭގައި ޤަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމެވެ. އެގޮތުން ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ އިނގިލީގެ ނިޝާން ނެގުމާއި އެ ބިދޭސީ މީހާ ވަޒީފާ އަދާކުރަނީ ރާއްޖޭގައި ހެދިފައިހުރި ޤަނޫނާއި ޤަވާއިދުގެ ދަށުންތޯ އެ އޮޕަރޭޝަނުގެ ތެރެއިން ވަނީ ޔަގީންކޮށްފައެވެ.