ގުޅީފަޅު ނެރާ ދިމާލުން ބޭރުގައި އޮތް "އޮގްޒޮން ކެރިއަރ 2" ނަމަކަށްކިޔާ ދޯނީގައި ރޯވި އަލިފާން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނުން ނިއްވާލައިފިއެވެ.

އެމްއެންޑީއެފްއިން ބުނީ މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބިފައިވަނީ މިއަދު 13:22 ހާއިރުއެވެ.

އަލިފާނުގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން އެ ސަރަހައްދަށް ދަތުރުކޮށްފައިވާ ކަމަށެވެ. އެ ސަރަހައްދަށް ގޮސް ދޯނީގެ އިންޖީނު ރޫމުގައި ރޯވެފައި ހުރި އަލިފާންގަނޑު ނިއްވާލެވިފައިވަނީ މިއަދު 14:45 ހާއިރުއެވެ.

އެމްއެންޑީއެފްއިން ބުނީ ހާދިސާ ހިނގި ވަގުތު ދޯނީގައި ތިބި 5 މީހުން ވަނީ އެހެން ދޯންޏަކަށް އަރައި، ރައްކާތެރިކަން ހޯދާފައެވެ. އަދި މި ހާދިސާގައި މީހަކަށް އަނިޔާއެއް ނުވި ނަމަވެސް، ދޯނީގެ އިންޖީނު ރޫމަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފައެވެ.