ނޭވާ ހިއްލުމުގެ ބަލި ތަހައްމަލުކުރަމުންދާއިރު މީހުނގެ ތެރެއިން ދުނިޔޭގެ ނިސްބަތުން ރާއްޖެ އޮތީ 99 ވަނައިގައިކަމަށް އައިޖީއެމްއެޗްގެ ރެސްޕިރޭޓްރީ މެޑިސިން ޑިޕަޓްމަންޓްގެ ހެޑް، ޑރ. މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ނޭވާ ހިއްލުމާއި ގުޅޭގޮތުން ހޭލުންތެރިކުރުވުމާ ގުޅޭ ދުވަހާއި ގުޅިގެން އައިޖީއެމްއެޗްގައި ބާއްވާފައިވާ ސިމްޕޯޒިއަމް ގައި ވާހަކަދައްކަވަމުން ޑރ. މުހައްމަދު އިސްމާއީލް ވިދާޅުވީ ދުނިޔޭގެ އެތައް ސަތޭކަ މިލިޔަން ބަޔަކު ނޭވާ ހިއްލުމުގެ ބަލި ތަހައްމަލުކުރަމުންދާއިރު ދުނިޔޭގެ ނިސްބަތުން ރާއްޖެ އޮތީ 99 ވަނައިގައިކަމަށެވެ.

މީގެ އިތުރަށް އޭނާ ވިދާޅުވީ ފަރުވާގެ ނިޒާމުގައި އަދި މުޖުތަމައު ހޭލުންތެރިކުރުވުމުގައިވެސް ކުރަންޖެހޭ މުހިއްމު މަސައްކަތްތަކެއް އެބަ ހުރިކަމަށެވެ.

ދުނިޔޭގެ އެހެން ހިސާބުތަކަށް ދިމާވާހެން ރާއްޖެއަށްވެސް ދިމާވާ މައިގަނޑު އެއް މައްސަލަތަކީ، އިންހޭލާ ބޭނުންކުރާ ފަރާތްތަކަށް ބޭނުންވާ ބާވަތްތަކުގެ ބޭހާއި، ޑޯޒް ލިބުމުގައި ހުރި ގޮންޖެހުން. ބޭނުވާ ވަޞީލަތް ލިބުމުގައި ހުރި ދަތިތަކާއެކު އެޑްމިޓްނުކޮށް ދެވޭނެ އެތައް ފަރުވާއެއް ލަސްވުމުގެ ސަބަބުން އެބަޖެހޭ އެޑްމިޓްކުރާ ހާލަތަށްދޭ."

އައިޖީއެމްއެޗްގެ ރެސްޕިރޭޓްރީ މެޑިސިން ޑިޕަޓްމަންޓްގެ ހެޑް، ޑރ. މުހައްމަދު އިސްމާއީލް

މި ސިމްޕޯޒިއަމްގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވަނީ ނޭވާ ހިއްލުންފަދަ ނޭވާލާ ނިޒާމުގެ ބަލިތަކަށްދެވޭ ކުއްލި ފަރުވާއިން، ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ކުރެވޭ މަސައްކަތްފުޅާކޮށް ހަރުދަނާކުރުމަށް ރާއްޖޭގެ ސިއްހީ ނިޒާމުގެ މިސްރާބު ބަދަލުކުރުމަށް މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ.

ސާޖިދާ ވަނީ ނޭވާ ހިއްލުމަކީ ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައިވެސް އާންމުވެފައިވާ ނޭވާލާ ނިޒާމުގެ ބައްޔެއްކަން ފާހަގަކުރައްވާފައެވެ. ސާޖިދާ ވިދާޅުވީ ގިނަ ބަޔަކަށް އާންމު އަދި އާދައިގެ ކަމެއްގެ ގޮތުގައި ނޭވާލުން ވެފައިވީނަމަވެސް ބައެއް ފަރާތްތަކަށް އެއީ ތަކުލީފުބޮޑު ނުރައްކާތެރި ކަމެއްކަމަށެވެ.

އެގޮތުން ނޭވާ ހިއްލުމާއި ނޭވާލުމުގެ ނިޒާމާއި ގުޅުންހުރި ގިނަ ބަލިތަކަށް މަގުފަހިކުރުވާ އެއް ސަބަބަކީ، ދިރިއުޅޭ ވެށި ތަގައްޔަރުވުންކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ފަރުވާ ފުޅާވަމުންދާއިރު އަދިވެސް މިދާއިރާއިން ކުރަންޖެހޭ މުހިއްމުކަންކަން ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.

މުޖުތަމައުގެ ކޮންމެ ކުއްޖަކީ ހުވަފެންދެކުމުގެ ހައްގު އޮންނަ އަދި އެހުވަފެންތައް ހަގީގަތަކަށް ހެދުމަށް މަސައްކަތްކުރުމުގެ ފުރުސަތު އޮތް ކުއްޖެއްކަން ކަށަވަރުކުރަންޖެހޭ. ނޭވާ ހިއްލުމާއި ގުޅޭގޮތުން މުޖުތަމައުދެކޭ ގޮތް ބަދަލުކޮށް، އޯގާތެރި ނަޒަރަކުން ބަލާ، އިންހޭލާ ބޭނުންކުރުމަކީ މައްސަލައެއް ނޫންކަން އޭގެ ބޭނުން ހިފަންޖެހޭ ކުދިންނާއި މީހުންނަށް ވިސްނައިދޭންވެސް ޖެހޭ."

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު

މީގެ އިތުރުން އައިޖީއެމްއެޗްގެ ރެސްޕިރޭޓްރީ މެޑިސިންގެ ހެޑް ނާސް، ފާތިމަތު ލޫސީ ވިދާޅުވީ، ރާއްޖޭގައި އިންހޭލާ ބޭނުންކުރުމަށް ގިނަ ބަޔަކު ލަދުގަންނަކަމަށާއި، އެއީ މުޖުތަމައު ދެކޭގޮތުގެ ސަބަބުންކަމަށެވެ. އޭނާ ވިދާޅުވީ އިންހޭލާ ބޭނުންކުރާ ގިނަ ފަރާތްތަކުންވެސް އިންހޭލާ ބޭނުންކުރަނީ ރަނގަޅަށް ނޫންކަން ފާހަގަކުރެވޭކަމަށެވެ.

ފަރުވާގައި ބޭނުންކުރާ ބައިނަލްއަޤުވާމީ މިންގަނޑަކީ، 2 އިން 1. އެއީ ފުއްޕާމޭގައި ހުރި ދުޅަކަން ކުޑަކޮށް، ނޭވާ ހިއްލުން ވަގުތުން ރަނގަޅުކުރުމަށްދެވޭ ފަރުވާގެ 2 ބާވަތް ހިމެނިގެންދެވޭ ޑޯޒެއް. ގިނަ މީހުންނަށް އަދިވެސް ނޭނގޭ ނޭވާހިއްލުމަކީ ނޭވާލާން އުނދަގޫވަނީ އެކަނި ނޫންކަން އެއީ ފުއްޕާމޭގައި ހުރި މައްސަލައަކުން ކުރިމަތިވާ ހާލަތެއްކަން."

އައިޖީއެމްއެޗްގެ ރެސްޕިރޭޓްރީ މެޑިސިންގެ ހެޑް ނާސް، ފާތިމަތު ލޫސީ

ނޭވާ ހިއްލުމަކީ ރާއްޖޭގައިވެސް އާންމުކަމެއް ނަމަވެސް އެކަން ގިނަ މީހުންނަށް ދެނެނުގަނެވެނީ މުޖުތަމައުގައި ހޭލުންތެރިކަން ކުޑަވުމުގެ ސަބަބުންކަމަށް ސިއްހީ ދާއިރާގެ ބޭފުޅުން ވިދާޅުވެއެވެ. އަދި އިންހޭލާ ބޭނުންކުރަންޖެހޭ ހާލަތްތަކުގެ އިންހޭލާ ބޭނުންކުރުމަށް ޖެހިލުންވާވުން ހައްލުކޮށް ބައްޔާއި މެދު އާންމުންގެ ހޭލުންތެރިކަން އިތުރުކޮށް އޯގާތެރި މުޖުތަމައެއް ބިނާކުރަން އެންމެންވެސް ގުޅިގެން މަސައްކަތްކުރުމަށް ސިއްހީ ދާއިރާގެ ބޭފުޅުން އިލްތިމާސްކުރައްވައެވެ.

ނޭވާ ހިއްލުމާއި ގުޅޭގޮތުން ހޭލުންތެރިކުރުވުމާ ގުޅޭ ދުވަހާއި ގުޅިގެން އައިޖީއެމްއެޗްގައިވަނީ ސިމްޕޯޒިއަމްއެއް ބާއްވާފައެވެ. އެސިމްޕޯޒިއަމް އިފްތިތާހްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދެވެ.

ދުނިޔޭގެ ނޭވާ ހިއްލުމުގެ ބައްޔާއި މެދު ހޭލުންތެރިކަން އިތުރުކުރުމުގެ ދުވަހުގެ މިއަހަރުގެ ޝިއާރަކީ ފަރުވާގައި އަދިވެސް ކޮންމެހެން ބޭނުންވާ އިންހޭލާއަށް އެންމެނަށް ވާސިލުވެވުން މިޝިއާރެވެ.