އަންނަ މަހު ބާއްވާ އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި އޮބްޒާވަރުންނާއި މޮނިޓަރުން އަދި ިކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ހަރަކާތްތެރިވާން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފިއެވެ.
އިލެކްޝަން ކޮމިޝަނުން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގެ ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް މޮނިޓަރު ކުރުމަށާއި އޮބްޒާވް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކާއި އެ އިންތިހާބުގެ ކަންކަން ހިނގާ ނުހިނގާގޮތް ބެލުމަށް ކެންޑިޑޭޓުންގެ މަންދޫބުންނަށްވުމަށް މިހާރު ހުށަހެޅޭނެ ކަމަށެވެ.
މި ބައި-އިލެކްޝަނުގެ ވޯޓުނެގުމާއި ވޯޓުގުނުމުގެ ކަންތައްތައް ހިނގާ ނުހިނގާގޮތް ބެލުމަށް، ކެންޑިޑޭޓުންނަށް ކޮންމެ މަރުކަޒަކަށް އެއް މަންދޫބަކު ޢައްޔަން ކުރެވޭނެ ކަމަށްވެސް އިސީން ވަނީ ބުނެފައެވެ.
އެގޮތުން މަންދޫބަކަށް ވުމަށް އިސީން ކަނޑައަޅާފައިވާ ޝަރުތުތަކަށް ބަލާލާއިރު، އުމުރުން 18އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައިވުން، ޖިނާއީ ކުށެއްގައި ހުކުމް ތަންފީޒު ކުރެވެމުންދާ މީހެއްކަމުގައި ނުވުން، އިންތިހާބާ ބެހޭ މަސައްކަތެއް ކުރުމަށް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ހަވާލުވެގެން ހުރި މީހެއްކަމުގައި ނުވުން، ފަނޑިޔާރެއް ނުވަތަ މިނިވަން މުއައްސަސާއެއްގެ މެންބަރެއް ނުވަތަ ވެރިއެއް ކަމުގައި ނުވުން، ދިވެހި ފުލުހެއް ނުވަތަ ސިފައިންގެ މީހަކު ކަމުގައި ނުވުން، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވިފައި ހުރި މީހަކު ކަމުގައި ނުވުން، އިންތިހާބުގައި އިތުރު މަގާމަކަށް ކުރިމަތިލާފައިވާ މީހެއްކަމުގައި ނުވުން، ފާއިތުވި 5 އަހަރުދުވަހުގެ ތެރޭގައި ސުލޫކީ މިންގަނޑާ ހިލާފުވެގެން ފިޔަވަޅެއް އަޅައިފައިވާ މީހަކު ކަމުގައި ނުވުން، ނުވަތަ އިންތިހާބީ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛ އަދި އިންތިހާބުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައިފައިވާ ސުލޫކީ މިންގަނޑު ކިޔައި، އެއާ އެއްގޮތަށް އަމަލުކުރުމަށް އެއްބަސްވެ އިގުރާރުވެފައިވާ މީހަކު ކަމުގައިވުން ހިމެނެއެވެ.
މީގެ އިތުރުން މޮނިޓަރަކަށް ވުމަށް އިސީން ކަނޑައަޅާފައިވާ ޝަރުތުތަކަށް ބަލާލާއިރު، އުމުރުން 18 އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައިވުން، ޖިނާއީ ކުށެއްގައި ހުކުމް ތަންފީޒު ކުރެވެމުންދާ މީހެއްކަމުގައި ނުވުން، ކަމާ ގުޅުންހުރި މުއައްސަސާއެއްގައި ރަޖިސްޓަރީކޮށްފައިވާ ރޭޑިއޯ/ޓީވީ ސްޓޭޝަނެއްގައި މަސައްކަތްކުރާ މީހެއްކަން އިލެކްޝަންސް ކޮމިޝަނަށް ކަށަވަރުވާ މީހެއް ކަމުގައި ވުން. ނުވަތަ، ދައުލަތުގެ ކަމާ ގުޅުންހުރި މުއައްސަސާއެއްގައި ރަޖިސްޓަރީކޮށްފައިވާ ނޫސް، މަޖައްލާއެއްގައި މަސައްކަތްކުރާ މީހެއްކަން އިލެކްޝަންސް ކޮމިޝަނަށް ކަށަވަރުވާ މީހެއްކަމުގައިވުމުގެ އިތުރުން އިންތިހާބާބެހޭ މަސައްކަތެއް ކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ހަވާލުވެގެން ހުރި މީހެއްކަމުގައި ނުވުން، އިންތިހާބުގައި އިތުރު އެހެން މަގާމަކަށް ކުރިމަތިލައިފައިވާ މީހެއްކަމުގައި ނުވުން، ފާއިތުވި 5 އަހަރުދުވަހުގެ ތެރޭގައި ސުލޫކީ މިންގަނޑާ ހިލާފުވެގެން ފިޔަވަޅެއް އަޅައިފައިވާ މީހަކު ކަމުގައި ނުވުން، ނުވަތަ އިންތިހާބީ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛ އަދި އިންތިހާބުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައިފައިވާ ސުލޫކީ މިންގަނޑު ކިޔައި، އެއާ އެއްގޮތަށް އަމަލުކުރުމަށް އެއްބަސްވެ އިގުރާރުވެފައިވާ މީހަކު ކަމުގައިވުން ހިމެނެއެވެ.
ހަމައެފަދައިން އޮބްޒާވަރުންގެ ޝަރުތުތަކަށް ބަލާލާއިރު، އުމުރުން 18 އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައިވުން، ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒު ކުރެވެމުންދާ މީހެއްކަމުގައި ނުވުން، ސިޔާސީ ޕާޓީތައް ފިޔަވައި މަދަނީ ޖަމާޢަތަކުން ނުވަތަ އަމިއްލަގޮތުން އޮބްޒާވަރަކަށް ވުމަށް ހުށަހަޅާ ފަރާތެއްނަމަ، ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީއެއްގައި އެ މީހެއްގެ ނަން ހިމެނިފައިވާ މީހަކު ކަމުގައި ނުވުން، އިންތިހާބާބެހޭ މަސައްކަތެއް ކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ހަވާލުވެގެން ހުރި މީހެއްކަމުގައި ނުވުން، އިންތިހާބުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައިފައިވާ ސުލޫކީ މިންގަނޑު ކިޔައި، އެއާ އެއްގޮތަށް އަމަލުކުރުމަށް އެއްބަސްވެ އިގުރާރުވެފައިވާ މީހަކު ކަމުގައިވުން އަދި ފާއިތުވި 5 އަހަރުދުވަހުގެ ތެރޭގައި ސުލޫކީ މިންގަނޑާ ހިލާފުވެގެން ފިޔަވަޅެއް އަޅައިފައިވާ މީހަކު ކަމުގައި ނުވުން، ނުވަތަ އިންތިހާބީ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ހިމެނެއެވެ.
ބައި-އިލެކްޝަންގައި މޮނިޓަރަކަށްވުމަށް އެދޭ ފަރާތްތަކުގެ ފޯމު ނޫސް މަޖައްލާތަކަށާއި، ހަބަރު ފަތުރާ އިދާރާތަކަށް ކަނޑައަޅާ ޑޭޓާ ލިއޭޒަނެއް މެދުވެރިކޮށް މައި ޕޯޓަލުން ހުށަހަޅަންޖެހޭއިރު މަންދޫބުންނަށްވާން އެދޭ ފަރާތްތަކަށް މައި ޕޯޓަލް މެދުވެރިކޮށް ކެންޑިޑޭޓުނަށް އަމިއްލައަށް ހުށަހެޅޭނެއެވެ. އޮބްޒާވަރުންގެ ގޮތުގައި އަމިއްލަ ފަރާތްތަކާއި ޖަމުއިއްޔާ ޖަމާއަތްތަކުން ފޯމު ހުށަހަޅަންޖެހޭނީ މައި ޕޯޓަލް މެދުވެރިކޮށް ނަމަވެސް ސިޔާސީ ޕާޓީތަކުން ފޯމު ހުށަހަޅަންޖެހޭނީ ޕާޓީތަކަށް ހާއްސަ ސިމެދަ ޕޯޓަލް މެދުވެރިކޮށެވެ.
އޮބްޒާވަރުންނާއި މޮނިޓަރުންނާއި މަންދޫބުންނަށް ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 16 ވަނަ ދުވަހުގެ މެންދުރު 3:00 އާ ހަމައަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ބޭއްވުމަށް ނިންމާފައިވަނީ އަންނަ މަހުގެ 6 ވަނަ ދުވަހުއެވެ. މި ބައި-އިލެކްޝަންގައި 4،114 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު މާލޭގައި 2 ވޯޓުފޮއްޓާއި ހިތަދޫގައި 5 ވޯޓުފޮށި ހިމެނޭހެން ޖުމްލަ 7 ވޯޓުފޮށި ބަހައްޓާނެއެވެ.