އެމެރިކާ ސަރަހައްދުގެ ކްރޫޒް ލައިނާއަކުން ފެނުނު ހަންޓާ ވައިރަސްގެ ރިސްކު ރާއްޖެއަށް އޮތީ ވަރަށް ކުޑަކޮށް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ބުނެފިއެވެ.
އެޗްޕީއޭއިން ބުނީ، ދެކުނު އެމެރިކާ ސަރަހައްދުގައި ދަތުރުކުރަމުން އަންނަ ކްރޫޒް ލައިނަރއަކުން ހަންޓާ ވައިރަސް ފެނުމާއެކު ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާ، ޑަބްލިޔުއެޗްއޯ މެދުވެރިކޮށް އެ އެޖެންސީން މޮނިޓަރ ކުރަމުންދާ ކަމަށެވެ.
މިހާތަނަށް ރާއްޖެއިން މި ބަލީގެ އެއްވެސް ކޭސްއެއް ނުވަތަ ބަލިޖެހިފައިވާ މީހަކާ ދިމާވި މީހެއް (ކޮންޓެކްޓެއް)ވެސް ފެނިފައިނުވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އަދި ރާއްޖެއަށް މި ބަލީގެ ރިސްކް އޮތީ ވަރަށް ކުޑަކޮށް ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.
އެގޮތުން އެޗްޕީއޭއިން ބުނީ، ބައްޔާގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ލިބެމުންދާ ވަރަކުން އާންމުންނާ ހިއްސާ ކުރައްވަމުންދާނެ ކަމަށެވެ.
ހަންޓާ ވައިރަހަކީ، މައިގަނޑު ގޮތެއްގައި މީދަލާއި އެފަދަ ޖަނަވާރުގެ ޒަރީއާއިން ފެތުރޭ ވައިރަހުގެ ބާވަތެކެވެ. އިންސާނުންގެ މެދުގައި މި ވައިރަސް ފެތުރެނީ، މީދަލުގެ ކުޑަކަމުދާ ތަކެއްޗާއި، ކުޅާއި ނުވަތަ ނަޖިހުގައި އަތްލެވިގެންނެވެ. މީގެ އިތުރުން، ވައި ނުވަންނަ ބަންދު ތަންތަނުގައި ހުންނަ މީދަލުގެ ނަޖިހުގެ ޕާޓިކަލްސް ނޭވާލުމުގެ ތެރެއިން ހަށިގަނޑަށް ދިއުމަކީ ވެސް ބަލިޖެހޭ މައިގަނޑު ސަބަބެކެވެ.