ބޭންކު ކާޑު ކުއްޔަށް ދޭ މައްސަލަތައް އިތުރުވެފައިވާކަން ހާމަކޮށް އެއީ ގާނޫނީ ކުށެއްކަން ފުލުހުން ހަނދާންކޮށްދީފިއެވެ.

މިކަންހާމަކޮށްފައި ވަނީ ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ފޭސްބުކްގައި ކުރި ޕޯސްޓެއްގައެވެ.

އެ ޕޯސްޓުގައި ފުލުހުން ބުނީ ބޭންކު އެކައުންޓް ކުއްޔަށް ދިނުމަކީ ކުށަކަށް މަގުފަހިވެދާނެ ކަމެއް ކަމަށެވެ.

އެ ޕޯސްޓުގައި ފުލުހުން ވަނީ މިހާރަކަށް އައިސް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި (ޚާއްސަކޮށް ޓިކްޓޮކް އަދި ޓެލެގްރާމްގައި) "ބޭންކް އެކައުންޓް ކުއްޔަށް ނަގަނީ" ނުވަތަ "ފަސޭހައިން ލާރި ހޯދުމަށް އެކައުންޓް ދީ" ފަދަ އިޝްތިހާރުތައް އިތުރުވަމުން އަންނަކަން ހާމަކޮށްފައެވެ.

އެގޮތުން މިފަދަ ކަންކަމަށް ސަމާލުވުމަށާއި އެކައުންޓަކީ އަމިއްލަ އެއްޗެއް ކަމަށާއި ބޭންކް އެކައުންޓާއި، އޭގެ ޕިން އަދި އޯޓީޕީއަކީ އެހެން ފަރާތަކަށް ދީގެންވާނެ އެއްޗެއް ނޫން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އެކައުންޓް ކުއްޔަށް ދިނުމަކީ މަނީ ލޯންޑަރިންގ ފަދަ ބޮޑެތި ކުށްތަކަށް މަގުފަހިވާ ކަމެއް ކަމަށެވެ.

މީގެ ސަބަބުން ޖިނާއީ ދަޢުވާ އުފުލި، ބޭންކިންގ ޚިދުމަތްތަކުން މަޙްރޫމްވުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން ބުނީ އެ ފަރާތެއްގެ އެކައުންޓް ބޭނުންކޮށްގެން ކުރާ ކޮންމެ މުޢާމަލާތެއްގެ ޒިންމާ ނަގަންޖެހޭނީ ސީދާ އެކައުންޓްގެ ވެރިފަރާތުން ކަމަށެވެ.

މީގެ އިތުރުން އެކައުންޓް ކުއްޔަށްދޭ ފަރާތްތަކަށާއި، ކުއްޔަށް ނަގާ ފަރާތްތަކާއިމެދު ފުލުހުންނާއި މާލީ އިދާރާތަކާއި ގުޅިގެން ޤާނޫނީގޮތުން ފިޔަވަޅު އެޅޭނެކަން ފުލުހުން ވަނީ އަންގާ އިލްތިމާސްކޮށްފައެވެ.

ފުލުހުން ވަނީ މިފަދަ ޕޯސްޓްތައް ޝެއަރ ނުކުރުމަށާއި އެފަދަ ކަމެއް ފާހަގަވެއްޖެނަމަ ލަސްނުކޮށް ފުލުހުންނަށް ރިޕޯޓްކުރުމަށް އެދިފައެވެ.