ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ވިލިމާލޭގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ 300 ހައުސިން ޔުނިޓް އަޅާނެ ބިން މިހާރު ކަނޑައަޅާފައިވާ ކަމަށް ބިނާރާ ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކޮށްފި އެވެ.

އެ ވުޒާރާއިން ވަނީ، މި މަޝްރޫގެ ދަށުން ދެ ޓަވަރެއް އެޅުމަށް ނިންމާފައިވަނީ ވިލިމާލޭ މުހްޔިއްދީން ސްކޫލް ކުރިމަތީގައި އޮންނަ ފުނަވަލުގެ އެއްފަރާތުގައި ކަމަން ހާމަކޮށްފައެވެ. އަދި ތިންވަނަ ޓަވަރު އެޅުމަށް ހަމަޖެހިފައިވަނީ ސްޓެލްކޯ ސައިޓް ހުންނަ ސަރަހައްދާ ކައިރީގައި ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

އެ ވުޒާރައިން ބުނީ، މި ޓަވަރުތައް ބިނާކުރާއިރު ވިލިމާލޭގެ ގުދުރަތީ ރީތިކަމާއި، ހާއްސަކޮށް އެ ރަށުގައި އޮތް ޒަމާންވީ ފުނަވަލަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށެވެ.

މި މަޝްރޫއާ ގުޅިގެން ތިމާވެށި ރައްކާތެރިކުރުމަށް ވަކާލާތުކުރާ ފަރާތްތަކުގެ ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ އުފެދިފަ އެވެ. އެގޮތުން، ފުނަވަލުގައި ހުރި ދުވަސްވީ ގަސްތައް ކެނޑުމާއި ތިމާވެއްޓަށް ލިބިދާނެ ގެއްލުންތަކުން އެ ސަރަހައްދު ހިމާޔަތްކުރުމަށް އެދި ހުމައިދާ އަބްދުލް ގަފޫރު އަދި އަހުމަދު އިކުރާމްގެ ފަރާތުން ވަނީ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅާފަ އެވެ. މި މައްސަލައިގައި އެދިފައިވަނީ ފުނަވަލުގައި ހުރި ހިމާޔަތްކުރެވިފައިވާ ގަސްތަކަށް ގެއްލުންވާފަދަ އެއްވެސް މަސައްކަތެއް ނުކުރުމަށް ސަރުކާރާއި މާލެ ސިޓީ ކައުންސިލްގެ މައްޗަށް އަމުރެއް ނެރެދިނުމަށެވެ.

މާލެ ސަރަހައްދު ތޮއްޖެހުމުން ދުރުވެ، ގުދުރަތީ ފެހިކަމާއި ހަމަހިމޭންކަން ތަޖުރިބާކޮށްލަން އޮތް ހަމައެކަނި ރަށަކީ، ވިިލިމާލެކަން ފާހަގަކުރައްވައި، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވެސް ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމްއަށް އެޑްރެސްކޮށް ސިޓިއެއް ހުށަހަޅާފައެވެ.

އެ ސިޓީގައި އޭނާ ވިދާޅުވީ އެއީ ތިމާވެށީގެ ގޮތުންނާއި އިޖުތިމާއީ ގޮތުން ވެސް މުހިންމު ދައުރެއް އަދާކުރާ، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދޭ ހާއްސަ މަންޒިލެއް ކަމަށެވެ. އަދި ވިލިމާލޭގައި އިމާރާތް ކުރުމުގެ އުސޫލަށް އައި ބަދަލުތަކާއި އާ މަޝްރޫއުތަކުގެ ސަބަބުން ރަށުގެ އަސްލު ސިފަ ގެއްލި، އެތަން ތޮއްޖެހިފައިވާ ތަނަކަށް ބަދަލުވުމުގެ ބިރު އޮތްކަން ވެސް ފާހަގަކުރެއްވި އެވެ.

އެގޮތުން އިމާރާތްތައް އިތުރުވުމަކީ ރަށުގެ ފެހިކަމާއި ހުސް ޖާގަތައް މަދުވެ، މާލެ ސަރަހައްދުގައި ރައްޔިތުން ހިތްހަމަޖައްސާލުމަށް އޮތް މުހިންމު މާހައުލެއް ގެއްލިގެން ދާނެ ކަމެއް ކަމަށާއި، އެހެންކަމުން ވިލިމާލެއަކީ، ހަމައެކަނި އިމާރާތްކުރާ ތަނެއްގެ ގޮތުގައި ބެލުމުގެ ބަދަލުގައި މުޅި މާލެ ސަރަހައްދަށް ބޭނުންތެރި ތިމާވެށީގެ މުހިންމު ރައުސުލްމާލެއްގެ ގޮތުގައި ރައްކާތެރިކުރަން ޖެހެ ކަމަށް މެމްބަރު ވިދާޅުވިއެވެ.

އެހެންކަމުން އެ މަޝްރޫއު ހިންގާނެ އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ ބަލަން ކަންބޮޑުވުން ފާޅުކުރާ ފަންނުވެރިންނާ މަޝްވަރާ ކުރުމަށް ފުރުސަތު ދިނުމަށް އޭނާ އެދިވަޑައިގެންނެވިއެވެ. އަދި އެކަން މަޖިލީހުގެ ކޮމިޓީން ބެލުމުގެ ޒިންމާ ހަވާލުކޮށްދިނުމަށް ވެސް އަބްދުއްރަހީމްގެ ކިބައިން އެދިވަޑައިގެންފައިވެއެވެ.

މި މަޝްރޫއާއި ގުޅިގެން މީގެ ކުރިން ބިނާރާ ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވަނީ، ގަސްތައް ކަނޑާނީ ކޮންމެހެން ނަގަންޖެހޭ ހާލަތެއްގައި އެންމެ މަދު މިންވަރަކަށް ބަލައިގެން ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.