ދަތުރުމަތީގައި ޙައްޖުވެރިންގެ ލަގެޖުތައް ބެލެހެއްޓުމަށް ޚާއްސަ ފިޔަވަޅުތަކެއް ހަމަޖައްސާފައިވާ ކަމަށް ދިވެހިރާއްޖޭގެ ޙައްޖު މިޝަނުން ބުނެފިއެވެ.

ދިވެހި ޙައްޖާޖީންގެ ލަގެޖު ޖިއްދާ އެއަރޕޯޓާއި ހޮޓަލާ ދެމެދު އުފުލުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވަނީ ސަޢުދީ ޕޯސްޓްގެ ދަށުން ޚިދުމަތްދޭ އެޖެންޓެއް ކަމަށްވާ ސުބުލު އޮތޯރިޓީންނެވެ.

ހައްޖު މިޝަނުން މިއަދު ބުނީ ރާއްޖޭގެ ޙައްޖުވެރިންނަށް ދަތުރުފަތުރުގެ ލޮޖިސްޓިކް ޚިދުމަތްދޭ ސައުދީ ޕޯސްޓްގެ އެޖެންޓާއި ރާއްޖޭގެ ޙައްޖު މިޝަނުން ބައްދަލުކުރައްވާފައިވާ ކަމަށެވެ.

އެގޮތުން ހައްޖުވެރިންގެ ލަގެޖުގެ ރައްކާތެރިކަން އިތުރުކުރުމަށް، ޕާސްޕޯޓާއި ލިންކްވާގޮތަށް ޚާއްސަ ޓެގެއް މި ފަހަރު ބޭނުންކުރާނެ ކަމަށް ހައްޖު މިޝަނުން ވަނީ ބުނެފައެވެ.

ހައްޖު މިޝަނުން ބުނީ މި ޚިދުމަތުގެ ބޭނުމަކީ ލަގެޖް ނެގުމުގެ ކަންކަމުގައި ޙާޖީން އަދި ކޯޕަރޭޝަނުންވެސް އެކަމަށް ވަގުތު ހުސްކުރަން ނުޖެހި، ފަސޭހަކަމާއި އަވަސްކަމާއެކު އެޖެންޓެއް މެދުވެރިކޮށް ފޯރުކޮށްދިނުން ކަމަށެވެ.

މިގޮތުން އެ ބައްދަލުވުމަށްފަހު ދެއްވި އިންޓަވިއުގައި ރާއްޖޭގެ ޙައްޖު މިޝަންގެ މައްކާ އޮފީހުގެ ވެރިޔާ އައްޝައިޚް އިމްތިޠާއު ޢައްބާސް ވަނީ އެ މަސައްކަތުގެ އެޖެންޓާ ހަވާލާދީ މި ޚިދުމަތް މި އަހަރު ބޮޑުތަނުން އަވަސްވާނެހެން އެންމެހާ އިންތިޒާމްތައް ހަމަޖައްސާފައިވާ ކަމަށް ވިދާޅުވެފައެވެ.

ޙައްޖުވެރިންގެ ފޮށިތައް އެއަރޕޯޓުން އުފުލުމާއި ފުރުމަށް އެއަރޕޯޓަށް ގެންދާނީވެސް އެ އެޖެންޓް މެދުވެރިކޮށް ކަމަށް އައްޝައިޚް އިމްތިޠާއު ޢައްބާސް ވަނީ ވިދާޅުވެފައެވެ.

"މި ޚިދުމަތަށް ޚާއްސަ އެޕެއްވެސް ކުންފުނިން ވަނީ ތަޢާރަފުކޮށްފައި. އެގޮތުން ކޮންމެ ފޮއްޓެއްގައި ޚާއްސަ ޓެގެއް އަޅުވާނެ. އަދި ޓެގު މެދުވެރިކޮށް މަޢުލޫމާތުތައް ޕާސްޕޯޓާއި ލިންކް ކުރާނެ."

ޙައްޖު މިޝަންގެ މައްކާ އޮފީހުގެ ވެރިޔާ ޝައިޚް އިމްތިޠާއު

މީގެ އިތުރުން ޙައްޖުވެރިން ހޮޓަލަށް ދިއުމުގެ ކުރިން ފޮށިތައް ހޮޓަލަށް ގެންދެވޭ ވަރަށް މަސައްކަތްތައް ގެންދާނެކަމަށް އެޖެންޓު މައުލޫމާތުދޭ ކަމަށް އައްޝައިޚް އިމްތިޠާއު ޢައްބާސް ވިދާޅުވިއެވެ.