މި އަހަރުގެ މިހާތަނަށް 4 ތެލެސީމިއާ ކުދިން އުފަންވެފައިވާކަމީ އެންމެން ވެސް ނުހަނު ފުންކޮށް ވިސްނަންޖެހޭ ކަމެއް ކަމަށް މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް) އިން ބުނެފިއެވެ.

އެމްސީޖީއެޗްއިން ބުނީ ތަފާސްހިސާބުތަކަށްބަލާއިރު މި އަހަރުގެ މިހާތަނަށްވެސް 4 ތެލެސީމިއާ ކުދިން އުފަންވުމަކީ ނުހަނު ފުންކޮށް ވިސްނަންޖެހޭ ކަމެއް ކަމަށާއި މިކަމާ ގުޅިގެން ހޭލުންތެރިކަން އިތުރުކުރުމާއި، ދުރާލައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ބާރުއެޅުމުގެ ގޮތުން، ކައުންސެލިންގގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަކީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ މައިގަނޑު އެއް މަގްސަދު ކަމަށެވެ.

އެގޮތުން ކައިވެނީގެ ކުރިން ދެވޭ ކައުންސެލިންގ ހިމެނޭހެން، ތެލެސީމިއާ ކޮންޓްރޯލް ކުރުމަށް ބޭނުންވާ މުހިންމު މަޢުލޫމާތާއި، އިރުޝާދު ފޯރުކޮށްދިނުމުގެ ޚާއްޞަ ނިޒާމެއް މިއަހަރުގެ ތެރޭގައި ތަޢާރަފުކުރާނެ ކަމަށް އެމްސީޖީއެޗްއިން ބުނެއެވެ. މިއީ މުޅި މުޖުތަމަޢު ހޭލުންތެރިވާންޖެހޭ ވަރަށް މުހިންމު ކަމެއް ކަމަށާއި އެ ކުދިން ތަޙައްމަލުކުރަމުންދާ ދަތިތަކުން މުސްތަޤުބަލުގެ ޖީލުތައް ސަލާމަތްކުރުމަށްޓަކައި، ކައިވެނީގެ ކުރިން ޓެސްޓުކުރުމާއި، ސިއްޙީ މާހިރުންގެ އިރުޝާދުތަކަށް ފުރިހަމައަށް ބޯލެނބުމަކީ ކޮންމެ ފަރުދެއްގެވެސް ޒިންމާއެއް ކަން އެ ސެންޓަރުން ބުނެއެވެ.

ލޭ ހަދިޔާކުރައްވާ ފަރާތްތަކުގެ ޚާއްޞަ ދަފްތަރެއް ޑިޖިޓަލައިޒްކުރެވި، މިއަހަރުގެ ތެރޭގައި ތަޢާރަފް ކުރާނެ ކަމަށާއި މި ނިޒާމުގެ ސަބަބުން، ލޭ ހޯދުމަށް ބޭނުންވާ ފަރާތްތަކަށާއި، ލޭ ހަދިޔާކުރައްވާ ދީލަތި ފަރާތްތަކަށް، ނުހަނު ބޮޑެތި ލުއިފަސޭހަތަކެއް ފަހިވެގެންދާނެ ކަން އެ ސެންޓަރުން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން އެމްސީޖީއެޗްއިން ބުނީ ޚިދުމަތްތައް ޒަމާނީކޮށް ޑިޖިޓަލްކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، 'ވަންގަވް' ޕޯޓަލް މެދުވެރިކޮށް ތެލަސީމިއާ ކުދިންގެ ރަޖިސްޓްރީ ބެލެހެއްޓުމުގެ ނިޒާމު މިހާރު ވަނީ ގާއިމުކުރެވިފައެވެ. އެގޮތުން، 'ވަންގަވް' ޕޯޓަލް މެދުވެރިކޮށް މިހާރު ފަސޭހަކަމާއެކު ރަޖިސްޓްރީ ކުރެވޭނެ ކަމަށެވެ.

ދުނިޔޭގެ ތެލެސީމިއާ ދުވަހުގެ މި ބައިނަލްއަޤްވާމީ މުނާސަބަތަކީ، ރާއްޖޭގެ ތެލެސީމިއާ ފަރުވާގެ ނިޒާމާއި، ލޭގެ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި މި ޚިދުމަތްތައް ކުރިއެރުވުމަށްޓަކައި، ކުރަމުންދާ މަސައްކަތްތައް ވަޒަންކޮށް، އާ ހިތްވަރަކާއެކު މި ދާއިރާއިން ބޮޑެތި ކާމިޔާބީތަކެއް ހޯދުމުގެ ޢަޒުމް އާކުރާ ޚާއްޞަ ދުވަހެއްކަން އެމްސީޖީއެޗްއިން ފާހަގަކުރެއެވެ.