ވަކި ރިޔާސީ ކެންޑިޑޭޓަކަށް ތާއީދު ކުރައްވާ ބޭފުޅަކު ޗެއާޕާސަންކަމަށް ހޮވިއްޖެ ނަމަ އަނެއްކާ ވެސް އެމްޑީޕީ ދެބައިވެ، 2028 ގެ ރިޔާސީ އިންތިހާބު ވެސް އެ ޕާޓީ އަށް ގެއްލުމުގެ ފުރުސަތު ބޮޑުކަމަށް މީކާއިލް ނަސީމް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ އާންމު މެމްބަރުންނަށް މީކާއިލް ފޮނުއްވަމުން ގެންދަވާ އެ ސިޓީގައި ވަނީ އެ ޕާޓީގެ ލީޑަޝިޕާއި އާއްމު މެމްބަރުންނާ ދެމެދު އޮންނަންޖެހޭ ގުޅުން ހީނަރުވެފައިވާ ކަމަށް އާއްމު މެމްބަރުން ގަބޫލުކުރާ ކަމަށާއި ޕާޓީގެ އެތެރޭގައި އުފެދިފައިވާ އެކި ފެކްޝަންތަކުގެ މެދުގައި ހުރި ބައިބައިވުންތަކާއި ލީޑަރުން ޕާޓީ މަސްލަހަތަށް ވުރެ އަމިއްލަ މަސްލަހަތު އިސްކުރާކަމުގެ ތަސައްވަރު މެމްބަރުންނަށް ކުރެވޭ ކަމެއް ކަމަށެވެ.
މީކާއިލް ވިދާޅުވީ އެ ކަންކަމުގެ ސަބަބުން ޕާޓީއަށް އެންމެ ރަނގަޅު ގޮތް އިހުތިޔާރު ކުރަން ދަތިވެ، މެމްބަރުންގެ ހިތްވަރާއި ޕާޓީގެ ފޯރިއަށް ނޭދެވޭ އަސަރުކުރެ އެވެ. ނަމަވެސް، އެ ހާލަތުގައި ވެސް މިދިޔަ އޭޕްރީލް މަހު ބޭއްވި ކައުންސިލް އިންތިހާބާއި ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން ނެގި ފެންނަ ނުފެންނަ ވޯޓުގައި ޕާޓީއަށް ވަނީ ބޮޑު ކާމިޔާބީއެއް ލިބިފައިކަން މީކާއިލް ފާހަގަކުރެއްވި އެވެ.
މީކާއިލް ވިދާޅުވީ ވަކި ރިޔާސީ ކެންޑިޑޭޓަކަށް ތާއީދު ކޮށްގެން ހުންނެވި ކެންޑިޑޭޓަކު ޗެއާޕާސަންގެ މަގާމަށް އިންތިހާބުވެއްޖެ ނަމަ ޕާޓީ އަނެއްކާ ވެސް ބައިބައިވެ، 2028 ގެ ރިޔާސީ އިންތިހާބު ގެއްލުމުގެ ފުރުސަތު ބޮޑުވެ، ޕާޓީ އަނެއްކާ ވެސް މަގުމަތިވުމުގެ ބިރު ބޮޑު ކަމަށެވެ. އެހެންވެ، އޭނާ ޗެއާޕާސަންގެ މަގާމަށް އިންތިހާބުވެއްޖެ ނަމަ އެ ޕާޓީގެ ސަފުތައް ބަދަހިކޮށް، ޕާޓީ ތެރޭގެ އެއްބައިވަންތަކަން އާލާކޮށް ދެން ބާއްވާ ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ މަސައްކަތް ވަގުތުން ފަށާނެ ކަމަށް ވެސް ވިދާޅުވި އެވެ.