ހުޅުމާލޭގެ ޗެނަލް ޕާކުގެ މޫދަށް އޮއިވަރާ އެކު ޖަމާވާ ކުނި މަދުކުރަން ދާ ޖެހުމުގެ މަސައްކަތް ފަށައިފި ކަމަށް އެޗްޑީސީއިން ބުނެފިއެވެ.

އެޗްޑީސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ދާ ޖަހަނީ ހުޅުމާލެ 1 އާއި ހުޅުމާލެ 2 ގުޅުވައިދޭ ޗެނަލް ޕާކު ސާފުކޮށް ބޭއްވުމަށް އަދި ތަނުގެ ރީތިކަން ދެމެހެއްޓުމަށް ކަމަށެވެ.

ހުޅުމާލެ 1 އަދި ހުޅުމާލެ 2 ގުޅާލާފައިވާ ބްރިޖަކީ ގިނަ ބަޔަކު ހިތްހަމަޖައްސާލަން ވެސް ދާ ސަރަހައްދެކެވެ. ހަވީރުގެ ވަގުތު އާއިލާތަކާއި ރަހުމަތްތެރިން ގްރޫޕު ހަދާލާފައި އެ ތަނުގައި ތިބެ އެވެ. ހާއްސަކޮށް، ރޯދަ މަހު ރޯދަ ވިއްލަން ބްރިޖު ދަށުގައި ފޮތިގަނޑު އަޅައިގެން ގިނަ މީހުން ތިބެ އެވެ.