ކަނޑު ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމާ ގުޅޭ ފަހުމުނަމާއެއްގައި ރާއްޖެއާއި އޮސްޓްރޭލިއާ ދެމެދު ސޮއިކޮށްފިއެވެ.

އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދިފާއީ އަދި ވަތަނީ ހިދުމަތާ ބެހޭ ވުޒާރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ދިފާއީ ވަޒީރު ހަސަން ރަޝީދެވެ. އޮސްޓްރޭލިއާގެ ފަރާތުން ސޮއިކުރެއްވީ އޮސްޓްރޭލިއާގެ ބޯޑާ ފޯސް ކޮމާންޑްގެ ރިއާ އެޑްމިރަލް ކޮމާންޑަރު ބްރެޓް ސންޓާ އެވެ. އެ ރަސްމިއްޔާތުގައި އެމްއެންޑީއެފްގެ އިސްވެރިންނާއި، އޮސްޓްރޭލިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ޑޭވިޑް ޖެސަޕް ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްއެންޑީއެފް އިން ބުނީ މި ފަހުމުނާމާގެ ދަށުން، ދެ ގައުމު ގުޅިގެން ތަމްރީނުތައް ބޭއްވުމާއި، ކަނޑުގެ ސަރަހައްދުތައް ބެލެހެއްޓުމާއި، މައުލޫމާތާއި ތަޖުރިބާ ހިއްސާކުރުމާ ބެހޭ އޮނިގަނޑެއް އެކުލަވާލާނެ ކަމަށެވެ.

މީގެ އިތުރުން މި ފަހުމުނާމާގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދިމާވާ އެކި ކަހަލަ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ދެ ގައުމު ގުޅިގެން އެންމެ އެދެވޭ ގޮތުގައި މަސައްކަތްކުރުމަށް މަގުފަހިކުރުން ކަމަށް އެމްއެންޑީއެފް ބުނެއެވެ.

އޮސްޓްރޭލިއާއަކީ ރާއްޖޭއަށް ގިނަ އެހީތަކެއް ފޯރުކޮށްދޭ ގައުމެކެވެ. މީގެ ތެރޭގައި ދިފާއީ ދައިރާއިން ގިނަ އެހީތައް ފޯރުކޮށްދޭއިރު އެންމެ ފަހުން، އޮސްޓްރޭލިއާ ސަރުކާރުން ދިވެހި ސިފައިންނަށް ހަދިޔާކުރި "ގާޑިއަން ކްލާސް" ޕެޓްރޯލް ބޯޓަކީ ފާހަގަކޮށްލެވޭ ބޯޓެކެވެ.