އަހަރުގެ ފުރަތަމަ ކުއާޓަރުގައި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމްޓީޑީސީއަށް 1.25 މިލިޔަން ޑޮލަރު ނުވަތަ ގާތްގަނޑަކަށް 19.3 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެމްޓީޑީސީން އާންމުކޮށްފައިވާ ފުރަތަމަ ކުއާޓަރުގެ މާލީ ރިޕޯޓުގައިވާގޮތުން، އެމްޓީޑީސީއަށް 1.25 މިލިޔަން ޑޮލަރުގެ އާމްދަނީއެއް ވަނީ ލިބިފައިވާއިރު، މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެމްޓީޑީސީއަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 1.26 މިލިޔަން ޑޮލަރެވެ. އެހެންކަމުން މިއީ 0.8 އިންސައްތަ ދަށް އަދަދެކެވެ.
މިއާއެކު މި މުއްދަތުގެ ތެރޭގައި އެމްޓީޑީސީ ހިންގުމުގެ ފައިދާވެސް ދަށްވެފައިވާ ކަމަށް އެ ރިޕޯޓުގައިވެއެވެ. އެގޮތުން ފުރަތަމަ ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި 209,869 ޑޮލަރު ލިބިފައިވާއިރު، މިދިޔަ ކުއާޓަރުގައި މި އަދަދު އުޅެނީ 378,699 ޑޮލަރުގައެވެ. އެހެންކަމުން މިއީ 44.5 އިންސައްތައިގެ ދަށްވުމެކެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި އެމްޓީޑީސީއަށް ލިބިފައިވަނީ 2.7 މިލިޔަން ރުފިޔާ ނުވަތަ 178,389 ޑޮލަރެވެ. މިއީ މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބުނު 259,247 ޑޮލަރާއި އަޅާ ބަލާއިރު 31 އިންސައްތަ ދަށް އަދަދެކެވެ.
އެ ކުންފުންޏަށް މިހާރު އާމްދަނީ ލިބެނީ ކުއްޔަށް ދީފައިވާ ދެރަށަކުންނެވެ. އެއީ އަނަންތަރާ ކިހަވަކާއި، އަޔާޑާ މަގުއްދޫއެވެ. މީގެއިތުރުންވެސް އެކުންފުނިން ދަނީ ހދ.އަތޮޅުގައި ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތްކުރަމުންނެވެ. ހދ. ނާގޯށީގައި ތަރައްޤީކުރާ ރިސޯޓުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، 2027ވަނަ އަހަރުތެރޭ އެ ރިސޯޓު ހުޅުވާނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.