ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިހާބުކުރުމަށް ބާއްވާ ބައި-އިލެކްޝަންގައި ޖުމްލަ 7 ވޯޓު ފޮއްޓެއް ބަހައްޓާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އީސީން ބުނީ، އަންނަ މަހުގެ 6 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި އައްޑޫސީޓީ ހިތަދޫގައި ފަސް ވޯޓު ފޮއްޓެއް އަދި މާލެސިޓީގައި ދެ ވޯޓު ފޮށި ބެހެއްޓުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން އައްޑޫގައި ބަހައްޓާ ވޯޓު ފޮށިތައް ބަހައްޓަނީ ހިތަދޫ ސްކޫލްގައި ކަމަށާއި މާލޭގައި ބަހައްޓާ ވޯޓު ފޮށިތައް ބަހައްޓަނީ ދަރުމަވަންތަ ސްކޫލުގައި ކަމަށް އީސީން ވަނީ ބުނެފައެވެ.

އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 4,114 މީހަކަށް ލިބިގެންވެއެވެ.

ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އެވެ. އެ ޕާޓީގެ ޓިކެޓު ހޯދަން އިތުރު މީހަކު ހުށަނާޅާތީ ސޯބެ އަށް ވަނީ އެމްޑީޕީގެ ޓިކެޓު ދީފަ އެވެ. އަދި ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓަކަށް ވާދަ ކުރަނީ އަހްމަދު ސައީދު އެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ މުހައްމަދު ސިނާން އިސްލާމިކް ބޭންކުން ނެގި 2.5 މިލިއަން ރުފިޔާގެ ދަރަންޏެއް ނުދެއްކުމުގެ ސަބަބުން، މެންބަރުކަމުގެ ޝަރުތު ގެއްލިފައިވާ ކަމަށް މިދިޔަ މަހުގެ 12 ވަނަ ދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެންނެވެ.