ސަރުކާރުން މިމަހު ދެއްކި ބޮޑު ދެ ދަރަންޏާ، ބޭންކް އޮފް މޯލްޑިވްސް، ( ބީއެމްއެލް)އިން ޑޮލަރުގެ މުއާމަލާތް ކުރާ އުސޫލަށް ގެނައި ބަދަލާ، އެއްވެސް ގުޅުމެއް ނެތް ކަމުގައި ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް، (މުންދު) ވިދާޅުވެއްޖެއެވެ.

މުންދު މިހެން ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ބޭއްވި 'ޕްރެސް ވިތް ސްޕޯކްސް' ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ބީއެމްއެލްއިން ވަނީ ދޫކޮށްފައިވާ ރުފިޔާ ކާޑުތަކުން ރާއްޖެއިން ބޭރުގެ ބައެއް އީ-ކޮމާސް އަދި އޮންލައިން ރީޓެއިލް ވެބްސައިޓުތަކުން މުއާމަލާތް ކުރެވޭ އަދަދު ލިމިޓުކުރީ ޑޮލަރު ލިބުން ދަތިވެގެން ކަމަށް ބުނެފައެވެ.

ބީއެމްއެލް އިން އެ ބަދަލުތައް އައިސްވަނީ ސަރުކާރުން ދެއްކި ލޯނުތަކާ ގުޅިގެންތޯ ނޫސްވެރިޔަކު ސުވާލު ކުރުމުން މުންދު ވަނީ އެކަން ދޮގުކޮށްފައެވެ.

" އެޔާ ގުޅިގެންނެއެއް އަޅުގަނޑުމެންގެ ކޭޝްފޮލޯއަކަށް ނާދޭ ލޮޅުމެއް ނުވަތަ ދިފިކަލަޓީއެއް. އެހެން ވީމާ ސަރުކާރުން މި މަސްތެރޭގަ މި ދެއްކި ފައިސާ ނުވަތަ ކްލިއާ ކުރި ދަރަނިތައް ކްލިއާ ކުރުމަކާ ބީއެމްއެލްއަކާ މިކަމަކާ ގުޅުމެއް ނެތް އިނގޭތޯ"

ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް، (މުންދު)

ބީއެމްއެލުން ވަނީ މީހުންގެ ޑެބިޓްކާޑުތައް ހިފައިގެން ރާއްޖެއިން ބޭރަށްގޮސް ކުރާ ކާޑުގެ މުއާމަލާތްތައް ހުއްޓުވުމަށް ވިޔަވަޅުތަކެއް އެޅުމަށް ނިންމިކަން ހާމަކޮށްފައެވެ. މީގެ އިތުރުން އޮންލައިން ސައިޓްތަކުން ވިޔަފާރިކުރަމަށް އެ ބޭންކުގެ ކާޑުތަކަށް މީގެކުރިން ދީފައިވާ ބައެއް ދޫތަށް ވަނީ ހިފަހައްޓާފައެވެ. މި ބަދަލު ތަކާ ގުޅިގެން ގިނަ ބަޔަކު ބުނަމުން އަންނަނީ އެއީ ސަރުކާރުގެ ލޯނު ދެއްކުމުގެ ސަބަބުން ގެނައި ބަދަލުތަކެއް ކަމަށް ބުނަމުންނެވެ.