ކަރަންޓު ޚަރަދު ކުޑަކުރުމަށް މި ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ރައީސް އޮފީހުގެ އިސްތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފު ވިދާޅުވެއްޖެއެވެ.

”ޕްރެސާ ވިތު ސްޕޮކްސް“ ގެ ނަމުގައި ނޫސްވެރިންނާ އެކު ބާއްވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން މިއަދު ބޭއްވި ބައްދަލުވުމުގައި ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފު ވިދާޅުވީ، ކަރަަންޓު ބިލުތައް ބޮޑުވުމުގެ މައްސަލައަކީ ރައްޔިތުންގެ އާންމު ދިރިއުޅުމުގެ ހާލަތާ ލާމެހިފައިވާ މައްސަލައަކަށްވާތީ އެ މައްސަލައަށް ވަށާޖެހޭ ހައްލެއް ހޯދުމަށް ސަރުކާރުން މަަސައްކަތްކުރަމުންދާ ކަމަށެވެ.

އަދި ކަރަންޓުގެ ބޮޑު އިންސައްތައެއް ޖެނެރޭޓު ކުރަނީ ޑީސަލް ޖެނެރޭޓަރުން ކަމަށާއި އޭގެ ކެޕޭސިޓީ އިތުރު ކުރުމުގެ ގޮތުން ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން މަސައްކަތްތަކެއް ކުރެވޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މިއީ ރައްޔިތުންގެ ފުދުންތެރިކަމާ ގުޅިފައި އޮތް މައްސަލައެއް ކަމަށާއި މިކަމަށް ޙައްލެއް ހޯދުމަކީ ހުރިހާ ސަރުކާރަކުންވެސް ވަރަށް ބޮޑަށް އިސްކަންދީގެން ކުރަމުން އައި މަސައްކަތެއް ކަމަށްވެސް ތަރުޖަމާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ދިރިއުޅުމުގެ ހަރަދަށް ބަލާއިރު ނިސްބަތުން ކަރަންޓު ބިލުގެ ހަރަދު ބޮޑު.ވަރަށްބޮޑު ތަކުލީފެއް ދެއްތޯ ކޮންމެ ބޭފުޅަކަށްވެސް.އެހެންވީމަ ކަރަންޓު ބިލު ކުޑަކުރުމަކީ އެއީ ކޮންމެ ސަރުކާރަކުންވެސް އެއީ ރައްޔިތުންގެ ފުދުންތެރިކަމާ ގުޅިފަ އޮތް ކަމަކަށް ވާތީ އިސްކަންދެއްވާ."

ރައީސް އޮފީހުގެ އިސްތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް

މިގޮތުން މި ސަރުކާރުގެ އަމާޒަކީ ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އުފެދިފައިވާ މި މައްސަލައަށް ދާއިމީ ދެމެހެއްޓެނިވި ޙައްލެއް ހޯދުންކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.

ތަރުޖަމާނު ވިދާޅުވީ، އިއާދަކުރަނަވި ހަކަތައިން ކަރަންޓު އުފައްދާ މިންވަރު އިތުރުކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އަދި އެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރައްވާފައިވާ އަމާޒަކީ ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ ތިންބައިކުޅަ އެއްބައި އިއާދަކުރަނިވި ހަކަތައިން އުފެއްދުންކަމަށް ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މިގޮތަށް ކަރަންޓު އުފެއްދުމަށްފަހު ވިއްކޭނެ އަގު ސަރުކާރުން ކަނޑައަޅާއިރު، ސޯލާ އާއި ބެޓަރީ ހައްލުތަކަށް ދާއިރު ސަބްސިޑީއެއް ނުދިނަސް މިހާރަށްވުރެ ކަރަންޓު އަގުހެޔޮވާނެ ކަމުގައި ތަރުޖަމާނު ވިދާޅުވިއެވެ.