ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ ރުފިޔާ ކާޑުތަކުން ރާއްޖެއިން ބޭރުގެ ބައެއް އީ-ކޮމާސް އަދި އޮންލައިން ރީޓެއިލް ވެބްސައިޓުތަކުން މުއާމަލާތް ކުރެވޭ އަދަދު ލިމިޓުކުރީ ޑޮލަރު ލިބުން ދަތިވެގެން ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.
ކާޑުން ބޭރުގެ މުއާމަލާތްތައް ކުރެވޭ އަދަދު ލިމިޓުކުރުމުން އާންމުންގެ ނުރުހުން ބީއެމްއެލް އަށް އަމާޒުވެފައިވަނިކޮށް އެ ބޭންކުގެ ތަރުޖަމާނު މުހައްމަދު ސައީދު މިއަދު ނެރުއްވި ބަޔާނެއްގައި ވަނީ އެ ބޭންކުން ދޫކޮށްފައިވާ ރުފިޔާ ކާޑުތަކުން ރާއްޖެއިން ބޭރުގެ އީކޮމާސް އަދި އޮންލައިން ރީޓެއިލް ސައިޓްތަކުން މުއާމަލާތްކުރެވޭ ގޮތަށް މިފަހުން ގެނައި ބަދަލުތަކާ ގުޅޭ ގޮތުން ކަންކަން އިތުރަށް ސާފުކޮށްދީފައެވެ.
އެގޮތުން އެ ބަޔާނުގައި ބުނީ މިފަދަ ބަދަލެއް ގެންނަން ޖެހުނީ މެދު އިރުމަތީގެ މަސްރަހާ ގުޅިގެން ފަތުރުވެރިން ރާއްޖެ އަންނަ އަދަދު ދަށްވެ، ބޭންކް އޮފް މޯލްޑިވްސްއަށް ގަންނަން ލިބޭ ބޭރު ފައިސާގެ އަދަދަށްވުރެ ނިސްބަތުން ވަރަށް ބޮޑު އަދަދެއްގެ ޑޮލަރު މިފަދަ މުއާމަލާތްތައް ފުރިހަމަކުރުމަށް ބޭންކުން ވިއްކަން ޖެހިފައިވާތީ ކަމަށެވެ.
މިގޮތުން ދިވެހި ރުފިޔާ އެކައުންޓްތަކަށް ދޫކޮށްފައިވާ ކާޑުތަކުން ކުރާ މުއާމަލާތްތަކަށް މިހާރުވެސް ދުވާލަކަށް 1.33 މިލިއަން ޑޮލަރު ބެންކުން ވިއްކަމުން ގޮސްފައިވާއިރު ޑޮލަރު ގަންނަން ލިބުމުގައި ހުރި ދަތިތަކަށް ބަލައި، ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމުގައި ބޭންކުން ގެންގުޅޭ ނިޒާމުތައް އިތުރަށް ވަނީ ހަރުދަނާކޮށްފައި ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.
މިގޮތުން، ކުރިން މިދެންނެވި ފަދަ ސައިޓްތަކުން ވިޔަފާރި ކުރުމަށް ބޭންކުން ދުވާލަކަށް ވިއްކާ އަދަދު ކޮންމެ ދުވަހަކަށް ކަނޑައެޅޭ ވަކި ބަޖެޓެއްގެ ތެރެއިން ވިއްކަމުން އަންނަ ކަމަށްވެސް އެ ބަަޔާނުގައި ބުނެފައި ވެއެވެ.
އެ ބަޖެޓް ހަމަވުމުން އެ ދުވަހަކު ރާއްޖެއިން އެ ވެބްސައިޓްތަކުން (ބައެއް ރީޓެއިލް ސައިޓްތަކުން) ވިޔަފާރި ނުކުރެވޭނެ ކަމަށާއި އެހެނިހެން ސައިޓްތަކުން ޚިދުމަތް ހޯދުމަށް ބުރުލެއްނާރާނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.
އެކަން މިހާރު ބީއެމްއެލް އެޕް މެދުވެރިކޮށް ފޮނުވާ ނޮޓިފިކޭޝަނަކުން ކަސްޓަމަރަށް އަންގަމުންދާނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.
ނަމަވެސް ޑޮލަރު އެކައުންޓްތަކަށް ދޫކުރެވިފައިވާ ކާޑުތަކުން އެއްވެސް ލިމިޓަކާއި ނުލައި މުއާމަލާތްތަކަށް ބޭނުންކުރެވޭނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.
މި ބަދަލުތަކުގެ ސަބަބުން ބޭރުގައި ކިޔަވަން ތިބޭ ދަރިވަރުންނަށާއި ދިރިއުޅޭ ފަރާތްތަކުގެ ކާޑުތަކަށް ހާއްސަކޮށްގެން ދޫކޮށްފައިވާ ލިމިޓްތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށާ ބޭރުގައި ކިޔަވާ ކުދިންގެ ތެރެއިން ރާއްޖޭގައި ތިބި ބެލެނިވެރިންގެ ކާޑު ބޭނުންކުރާ ދަރިވަރުންނަށްވެސް ސްޓޫޑަންޓް ކާޑު ހައްދަން 3 މަސްދުވަހުގެ މުހުލަތެއް ދީފައިވާނެ ކަމަށް އެ ބަޔާނުގަައި ބުނެފަައި ވެއެވެ.
އެ ބަޔާނުގައި ބުނީ މި މުހުލަތުގައި ބެލެނިވެރިންގެ ކާޑު ބޭނުން ކުރެވޭ ގޮތަށް ހަމަޖެއްސޭނެ ކަމަށެވެ.
އެ ބަޔާނުގައި ބުނީ ކަސްޓަމަރުން މިފަދަ އީކޮމާސްގެ ގިނަ މުއާމަލާތްތަކެއް ހިންގުމަކީ އެ ބޭންކުގެ އާމްދަނީ އިތުރުވާނެ ކަމަށްވީ ނަމަވެސް މި ވަގުތު ބޭރު ފައިސާގެ އާމްދަނީ ލިބޭ މިންވަރާއި ކަސްޓަމަރުންގެ ބޭނުންތަކަށް ބޭންކުން ޑޮލަރު ވިއްކަންޖެހޭ މިންވަރަށް ބަލައި، ޒަރޫރީ ބޭނުންތަކަށް ބޭރު ފައިސާ އިގްތިސާދު ކުރުމަށް ފިޔަވަޅުތައް އަޅަން ބޭންކަށް މަޖުބޫރުވީ ކަމަށެވެ.
މީގެ އިތުރުން އެ ބޭންކުން ބުނީ އެ ބޭންކަށް ޑޮލަރު ގަންނަން ލިބޭ މިންވަރަށް ބަލައި، ރުފިޔާ ކާޑުން ބޭރު ފައިސާގެ މުއާމަލާތްތައް ކުރެވޭ ގޮތަށް ހަމަޖެހިފައިވާ ލިމިޓަށް ބަދަލުތައް ގެންނަމުންދާނެ ކަމަށެވެ.