ހައްޖުގެ އަޅުކަމަށް ގޮސް އުޅުމުގައި ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭ އިން ގޮވާލަިފި އެވެ.

އެޗްޕީއޭ އިން އާންމުކޮށްފައިވާ ޕޯސްޓެއްގައި ވަނީ ހައްޖުގެ އަޅުކަމަށް ގޮސް އުޅުމުގައި ބަލިތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް ފާހަގަކޮށްފައެވެ.

އެޗްޕީއޭ އިން ބުނީ ރައްކާވެ ތިބުމަށް ކުރެވިދާނެ ފުރަތަމަ ކަމަކީ ދަތުރަށް ފުރުމުގެ ކުރިން ވެކްސިން ޖެހުން ކަމަށެވެ. އެގޮތުން ޕޯލިއޯ، މެނިންޖައިޓިސް، އަދި އިންފްލުއެންޒާ ވެކްސިން ޖެހުން ހިމެނޭ އިރު، ވެކްސިން ޖެހުމުމަށް ފަހު ހަށިގަނޑުގެ ދިފާއީ ބާރު އުފެއްދުމަށް ގާތްގަނޑަކަށް 2 ހަފްތާ އާންމުކޮށް ނަގާނެ ކަމަށް ބުނެއެވެ. އެހެން ކަމުން ފުރުމުގެ 2 ހަފްތާ ކުރިން ވެކްސިން ޖެހުން މުހިއްމު ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

މީގެ އިތުރުން އެޗްޕީއޭ އިން ބުނެފައިވާ ކަން ކަމަށް ބަލާލާއިރު އަބަދުވެސް ސާފުތާހިރުކޮށް ހުރުމަށާއި، އުޅޭ ކޮޓަރި އަދި ފާހާނާ ސާފުކޮށް ބެހެއްޓުން، ހައްޖަށް ނުވަތަ އުމްރާއަށް ގޮސް އުޅުމުގައި، ބަލިތަކުން ރައްކާތެރިވުމަށް މާސްކުއެޅުން، ކާނާ ތައްޔާރުކުރުމުގެ ކުރިން ކެއުމުގެ ކުރިން އަދި މީހަކަށް ކާން ދިނުމުގެ ކުރިން ރަނގަޅަށް އަތް ދޮވުން، ފާހާނާ ކުރުމަށް ފަހު ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުން އަދި ބޭރުގައި އުޅޭ އިރު އަތް ސާފުކުރުމަށް ސެނެޓައިޒާ ގެންގުޅުން ހިމެނެއެވެ.

ހަމަމިއާއެކު، ފެނާއި ދިޔާތަކެތި ގިނައިން ބޭނުން ކުރުން، ފިޒީ ޑްރިންކްސް، އެނާޖީ ޑްރިންކްސް އަދި ގިނައިން ހަކުރު ހިމެނޭ ބުއިންތައް ބޭނުން ނުކުރުން، ބިންގަނޑުގެ ހޫނުން ފައި ރައްކާތެރިކުރުމަށް ރަނގަޅު ފަސޭހަ ފައިވާނެއް ބޭނުން ކުރުމުގެ އިތުރުން ބައްޔަކަށް ބޭސް ބޭނުން ކުރާނަމަ ވަގުތުން ވަގުތަށް ބޭސް ބޭނުން ކުރުން އަދި ދާއިމީ ބައްޔަކަށް ފަރުވާ ހޮދާނަމަ އާއްމުކޮށް ދައްކާ ޑޮކްޓަރުގެ ފަހުގެ ބޭސް ސިޓީތަކާއި ރިޕޯޓްތައް ގެންދިއުމަށްވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.