އޭޕްރީލް 9 ވަނަ ދުވަހު ފ. ފީއަލީ ބަނދަރުގައި އޮތް ބޯޓެއްގައި އަލިފާން ރޯވެ އަނިޔާވި ބިދޭސީ މީހާ، ނިޔާވެފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފިއެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އޭޕްރީލް 9 ވަނަ ދުވަހު ފ. ފީއަލީ ބަނދަރުގައި އޮތް ބޯޓެއްގައި އަލިފާން ރޯވެ ހިނގި ހާދިސާގައި އަނިޔާވި ބިދޭސީ މީހާ، ފަރުވާ ދެމުންދަނިކޮށް މެއި 4 ވަނަ ދުވަހު ނިޔާވެފައިވާކަމަށެވެ.

ނިޔާވެފައިވަނީ އަލިފާން ރޯވި ދޯނީގައި މަސައްކަތްކުރަމުން އައި ބަންގްލަދޭޝް މީހެއް ކަމަށްވާ ޑެލޯވާ އެވެ. އެއީ އުމުރުން 40 އަހަރުގެ ފިރިހެނެކެވެ.

އޭނާއަށް ފުރަތަމަ ފަރުވާ ދިނީ ފީއަލީ ސިއްހީ މަރުކަަޒުގަ އެވެ. ހަމަ އެ ދުވަހު އިތުރު ފަރުވާއަށް އެ އަތޮޅު ނިލަންދޫ ހޮސްޕިޓަލަށް ގެންދިއުމަށް ފަހު މާލެ އަށް ގެނެސް އޭނާ އަށް ފަރުވާދީފައިވަނީ އައިޖީއެމްއެޗުގެ، އައިސީޔޫގައި، ވެންޓިލޭޓަރުގައި ބާއްވައިގެންނެވެ.

ކުރިން ނިލަންދޫ ހޮސްޕިޓަލުން މީޑިއާއަކަށް ދީފައިވާ މައުލޫމާތުގައި ބުނެފައިވަނީ އޭނާގެ ހަށިގަނޑުގެ 60 އިންސައްތަ އޮތީ ފިހިފައި ކަމަށެވެ.

އެމީހާ ވަނީ މިމަހުގެ 4 ވަނަ ދުވަހު މަރުވެފައިކަން އައިޖީއެމްއެޗް އިން ވެސް ކަށަވަރުކޮށްދެ އެވެ. އަދި އޭނާގެ ހަށިގަނޑު ބަންގްލަދޭޝަށް ފޮނުވުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް އިއްޔެ ވަނީ ކޮށްފަ އެވެ. ފުލުހުންގެ މެސެޖުގައި ބުނީ އެމީހާގެ ހަށިގަނޑު މެއި 5 ވަނަ ދުވަހު ބަންގްލަދޭޝަށް ފޮނުވާލާފައިވާކަމަށެވެ.

އެ ހާދިސާ ރިޕޯޓު ކޮށްފައިވަނީ އޭޕްރީލް 9 ވަނަ ދުވަހުގެ 09:15 ހާއިރުއެވެ.

ތެޔޮ ދޯނީގައި އަލިފާން ރޯވީ ދޯނީގެ ޕަމްޕު ސްޓާޓްކުރަން ހިފިތަނާ ހުޅު ހިފައިގެންނެވެ. ތިން ގަޑިއިރެއްހާ އިރު ފަހުން އަލިފާންގަނޑު ކޮންޓްރޯލްވި އިރު ވަރަށް ބޮޑު ގެއްލުމެއް ވަނީ ލިބިފަ އެވެ.

ފީއަލީ ކައުންސިލްގެ ރައީސް މޫސާ އަހުމަދު މީޑިޔާއަކަށް އެދުވަހު މައުލޫމާތު ދެއްވަމުން ވިދާޅުވީ ބަނދަރުގައި އޮތް އިތުރު 4 އުޅަނދެއްގައާއި އައިސްޕްލާންޓްގައިވެސް އަލިފާން ރޯވެފައިވާކަމަށެވެ.

އެގޮތުން 3 ދޯންޏާއި ތެޔޮ ބޯޓެއްގައި ރޯވެފައިވާ އިރު، ފީއަލީ އައިސް ޕްލާންޓު ބޭނުން ނުކުރެވޭވަރަށް އަނދާފައިވާކަމަށް މިފްކޯ އިން މައުލުމާތުދެއެވެ.

މި އައިސް ޕްލާންޓާއި ރޯވި އުޅަނދާ ދޭތެރޭ ހުރީ 15 ވަރަކަށް ފޫޓެވެ. މިއީ 25 ޓަނުގެ އައިސް ޕްލާންޓެކެވެ. އަދި މި އައިސް ޕްލާންޓު އޮޕަރޭޝަނަށް ގެނައީ ޖޫން 2025 ގައި ފެނަކައިން މިފްކޯއާ ހަވާލުކުރުމުން 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހު ގައިއެވެ.

މީގެ އިތުރުން އެ ސަރަހައްދުގައި ހުރި ފިއުލް ޝެޑަށް އަލިފާނުގެ އަސަރުކޮށް، ޑިސްޕެންސަރާއި ޝެޑުގެ ބައެއް ބައިތަކުގައި އަލިފާން ރޯވެފައިވާ ކަމަށް މައުލުމާތުލިބެއެވެ.

މި ހާދިސާ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.