މި ސަރުކާރުން ފެށި ބަންކަރިންގެ ޚިދުމަތުން މިހާތަނަށް ގާތްގަނޑަކަށް ބިލިއަނެއްހާ ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ައެ ބައްދަލުވުމުގައި މައުލޫމާތު ހިއްސާކުރައްވަމުން ސައީދު ވިދާޅުވީ ބަންކަރިންގެ ހިދުމަތުން މިދިޔަ އޭޕްރިލްމަހުގެ ނިޔަލަށް 923.46 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.

އެގޮތުން އެ ހިދުމަތުން އެވަރަށް އާމްދަނީ ލިބުނު އިރު އެއީ ރާއްޖެއަށް ކުރިއްސުރެ ގެންނަ ތެލުން ލިބުނު އާމްދަނީއެއް ނޫން ކަމަށް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓަރު ވިދާޅުވީ ބަންކަރިން ހިދުމަތުން ދައަލަތަށް 58.93 މިލިއަން ރުފިޔާ މި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ލިބިފައިވާ ކަމަށެވެ.

"ދެއަހަރެއް ތެރޭގައި އަދި ބަނދަރު ނެތި، ބަނދަރު ނެތި މި ފެށުނު މަސައްކަތުން ގާތްގަނޑަކަށް އެއްބިލިއަން ރުފިޔާއާ ހިސާބަށް މިހާރު އާމްދަނީ އިތުރުވެގެން މި އައީ. ދެން ތިޔަބޭފުޅުން އުފައްދަވާފާނެ ސުވާލެއް، ތިއީ ރާއްޖެއަށް ގެންނަ ތެލެއް ނޫންހޭ އެހެންޏާ ވެސް، ނޫން، އެހެންޏާ ގެންނަ ތެލެއް ނޫން އެއީކީ،"

މިނިސްޓަރު ސައީދު

މިނިސްޓަރު ވިދާޅުވީ ބަންކަރިންގެ ހިދުމަތަށް ބޭނުންކުރާ ތެލުގެ 85 އިންސައްތައާއި 90 އިންސައްތައާ ދެމެދުގެ މިންވަރަކީ ރާއްޖެއަށް މުޅިން އަލަށް ގެންނަ ބާވަތެއްކަމަށެވެ.

މީގެ ކުރިން މި މަސައްކަތް ރާއްޖޭގައި ކުރަމުން އައީ އަވަށްޓެރި ސްރީލަންކާ ފަދަ ގައުމުތަކުގެ ބޯޓުފަހަރު އައިސްގެން ކަމަށާއި ނަމަވެސް މިހާރު ސީދާ ދިވެހިން މި މަސައްކަތުގެ ތެރެއަށް ވަދެ، ސަރުކާރުގެ ހިތްވަރާއެކު މި ވިޔަފާރި ބޮޑު އާމްދަނީއެއް ލިބޭ ވަރުގެ ސިނާއަތަކަށް ބަދަލުވެފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ.

އެސްޓީއޯއިން އާންމުކުރި މި އަހަރުގެ ފުރަތަމަ ކުއާޓާގެ ހިސާބުތަކުގައިވާ ގޮތުން ބަންކަރިންގެ ހިދުމަތަށް އެ ކުއާޓާގައި ބޮޑު ކުރިއެރުމެއް ލިބިފައިވާއިރު، އެއީ އެ ކުންފުންޏަށް އެ ކުއާޓާގައި ފައިދާވި ސަބަބު ކަމުގައިވެސް އެ ކުންފުނިން ބުނެފައި ވެއެވެ.

އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ޚިދުމަތް ފަށާފައި ވަނީ 19 ސެޕްޓެމްބަރު 2024 ގައި ހއ. ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.