މާލެ ޓެކްސީގެ ހިދުމަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ދިނުމަކީ ރައްޔިތުންގެ ވިޔަފާރިތަކުގެ ތެރެއަށް ސަރުކާރުން ވަނުމެއް ނޫން ކަމަށް މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް، މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު މިހެން ވިދާޅުވީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
ެއެގޮތުން ސައީދު ވިދާޅުވީ، ޓެކްސީ ހިދުމަތަކީ އަސާސީ ހިދުމަތެއް ކަމަށެވެ. އަދި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ އަސާސީ ހިދުމަތެއް ރައްޔިތުން ބޭނުންވާ ކޮލިޓީއަކަށް ގެނައުމަށް ކަމަށާއި އެއީ ވިޔަފާރިތަކުގެ ތެރެއަށް ވަނުން ނޫން ކަމަށެވެ.
މީގެ އިތުރުން ސައީދު ވިދާޅުވީ އެމްޓީސީސީގެ ޓެކްސީ ލައިން ހިދުމަތަށް ތައްޔާރުކުރި މޯބައިލް އެޕްލިކޭޝަން އަންނަ ހަފުތާގައި ބޭނުންކުރަން ފެށޭނެ ކަމަށެވެ.
މިގޮތުން އެ އެޕްލިކޭޝަން މިހާރު އެޕަލް ސްޓޯރއިން މިހާރު އެޕްރޫވްކޮށްފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ މީގެ ސަބަބުން ސީދާ ބުކިން ހެދުމަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށާއި އެ އެޕްލިކޭޝަން މެދުވެރިކޮށް ޚިދުމަތް ދޭން ފެށުމުން މައްސަލަތައް މަދުވެ، "ޓްރަބަލް ފްރީ" ޚިދުމަތެއް ރައްޔިތުންނަށް ލިބިގެންދާނެ ކަމަށެވެ.
އެމްޓީސީސީގެ ވެބްސައިޓްގެ އިތުރުން، މާލެ ޓެކްސީގެ ހޮޓްލައިން ނަންބަރު 1655 އަށް ގުޅައިގެންވެސް ޓެކްސީ ބުކް ކުރުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާއިރު ޓެކްސީއަކަށް އެދި ގުޅާ ހިސާބުން ފެށިގެން ކާރު ލިބުމާ ހަމައަށް އެވްރެޖްކޮށް ހޭދަވަނީ 8 މިނެޓެވެ.
އަދި ކޮންމެ ދަތުރެއްގެ ދިގުމިން އެވްރެޖްކޮށް 12.2 މިނެޓުގައި އުޅޭއިރު، އެ ޚިދުމަތަށް އޮތް ޑިމާންޑް ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ.