މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ބޭނުންވާ މަޢުލޫމާތުގެ ސައްޙަކަން ކަށަވަރުކުރުމަށް ޑިޕާޓްމަންޓްއޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް)އާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އިއްޔެ ޑީއެންއާރުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވުޒާރާގެ ނައިބު އަޙްމަދު ޢާލީ އާއި، ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒަރީރުއެވެ.

ކަރެކްޝަނުން ބުނީ މި އެއްބަސްވުމުގެ ސަބަބުން ކަރެކްޝަންސްގެ ބެލުމުގެ ދަށުގައިވާ ޤައިދީންގެ ޢާއިލާތަކުގެ މަޢުލޫމާތުތައްވެސް ފަސޭހައިން ކަށަވަރުކުރެވޭނެ ކަމަށެވެ.

މި އެއްބަސްވުމުގެ ސަބަބުން މަޢުލޫމާތުތަކުގެ ސައްޙަކަން އިތުރަށް ކަށަވަރުވެ، އެ މަރުޙަލާ އިތުރަށް އަވަސްވެ، ހަރުދަނާވެގެންދާނެ ކަމަށް ޑީއެންއާރުން ހާމަކުރެއެވެ.

އެގޮތުން އާއިލީ މަޢުލޫމާތު ކަށަވަރުކޮށް، ގައިދީއަށް ޒިޔާރަތްކުރާ މީހާއަކީ އާއިލާ މެމްބަރެއްތޯ ކަށަވަރުކުރުމަށް އެ އެއްބަސްވުމުގެ ދަށުން އެހީތެރިވެދޭނެއެވެ.

މީގެ އިތުރުން އެ އެއްބަސްވުމުގެ ދަށުން ގައިދީންނާއި ގުޅޭ އެންމެ ފުރިހަމަ އަދި އެންމެ ފަހުގެ މަޢުލޫމާތު ބެލެހެއްޓޭނެ ކަމަށްވެސް ޑީއެންއާރުން ހާމަކުރެއެވެ.