އީރާނާ ދެކޮޅަށް އެމެރިކާއިން ކުރާ ހަނގުރާމައާ ގުޅިގެން ކުރިއާ އަޅާބަލާއިރު އެމެރިކާގައި ޕެޓްރޯލްގެ އަގު 50 އިންސައްތަ އުފުލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އެމެރިކަން އޮޓޯމޮބީލް އެސޯސިއޭޝަނުން ބުނީ، ފާއިތުވި ހަފްތާގެ ތެރޭގައި ޕެޓްރޯލް ގެލަނެއްގެ އެވެރެޖު އަގު 31 ސެންޓުން އިތުރުވެފައިވާ ކަމަށާއި މިހާރު އެވަރެޖުކޮށް ޕެޓްރޯލް ގެލަނެއް ގަންނަން ލިބޭ 4.48 އެމެރިކާ ޑޮލަރަކީ، ހަނގުރާމަ ފެށުމުގެ ކުރިން ހުރި އަގާ އަޅާ ބަލާއިރު، 50 އިންސައްތައިގެ އިތުރުވުމެއް ކަމަށެވެ.
މި ހަނގުރާމައިގެ ސަބަބުން ދުނިޔެއަށް ކުރިމަތިވެފައިވާ ހަކަތައިގެ ކާރިސާއާ ގުޅިގެން ސާފުނުކުރާ ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ފަސްބައިކުޅަ އެއްބައި އާންމުކޮށް އުފުލާ ހުރުމުޒް ކަނޑުއޮޅި ބަންދުވުމުގެ ސަބަބުން، ތެޔޮ އުފުލާ އުޅަނދުތައް ވަނީ ތެޔޮ ފޯރުކޮށްނުދެވި ތާށިވެފައެވެ.
ރައީސް ޑޮނަލްޑް ޓްރަމްޕް ހުރުމުޒް ކަނޑުއޮޅި ހުޅުވުމަށް ހިންގި އަސްކަރީ އޮޕަރޭޝަން "ޕްރޮޖެކްޓް ފްރީޑަމް" ވެސް ވަނީ މެދުކަނޑާލާފައެވެ.
ތެލުގެ އަގާ އެކު އެމެރިކާގައި ތަކެތީގެ އަގުތައް ވެސް ދަނީ އުފުލެމުންނެވެ.
އޭޕްރީލް މަހުގެ މެދުތެރޭގައި ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އިއުލާނު ކުރުމާއެކު، ހަނގުރާމަ ނިމުމަކަށް އަތުވެދާނެ ކަމުގެ އުންމީދުގައި ދެ ހަފުތާވަންދެން އަގުތައް ކުޑަކޮށް ދަށްވި ނަމަވެސް، ހަނގުރާމަ ކުރިއަށްދާތީ އަގުތައް އަލުން ވަނީ އުފުލެން ފަށާފައެވެ.
އެސް އެންޑް ޕީ ގްލޯބަލް އެނާޖީގެ ޑިރެކްޓަރު ރޮބް ސްމިތު ވިދާޅުވި ގޮތުގައި، ހުރުމުޒް ކަނޑުއޮޅި ބަންދުވެފައި އޮންނަ ކޮންމެ ދުވަހަކީ އަގުތައް އުފުލޭނެ ދުވަހެކެވެ.
ހަކަތައިގެ އަގު ބޮޑުވުމުގެ ސަބަބުން އިންފްލޭޝަން އިތުރުވެ، އިގްތިސާދީ ނުތަނަވަސްކަން ވަނީ ބޮޑުވެފައެވެ.
މީގެ ސަބަބުން ރައީސް ޓްރަމްޕަށް އޮތް ތާއީދު ވެސް ވަނީ ދަށްވެފައެވެ. ހަނގުރާމަ ފެށުނީއްސުރެ ޓްރަމްޕާއި އޭނާގެ ބައިވެރިން ވިދާޅުވަމުން ގެންދެވީ، މިއީ އަސްކަރީ ކާމިޔާބީއަށްޓަކައި އުފުލަންޖެހޭ ވަގުތީ ތަކުލީފެއް ކަމަށެވެ.
ނަމަވެސް، ހަނގުރާމަ ހުއްޓާލުމުން އޭގެ އަމިއްލަ ޒާތުގައި އަގުތައް ވަގުތުން ދަށްނުވާނެ ކަމަށާއި، އެ ސަރަހައްދުން ދަތުރުކުރުމުގައި އޮތް ނުރައްކަލުގެ ސަބަބުން އިންޝުއަރެންސް ކުންފުނިތަކާއި ޝިޕިންގް ކުންފުނިތަކުން އިތުރު ފީތަކެއް ނަގާނެ ކަމަށް ސްމިތު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ، ހުރުމުޒް ކަނޑުއޮޅިން ތެޔޮ އުފުލުން ބަންދުވެފައި އޮންނަ މުއްދަތު ދިގުވި ވަރަކަށް، އަގުތައް އާންމު ހާލަތަށް ރުޖޫޢަވާން ނަގާ މުއްދަތު ވެސް އިތުރުވާނެއެވެ.