ކުރީގެ ރައީސް މުހައްމަދު ނަޝީދު "އިންޑިޔަން އޯޝަން ޑަޔަލޮގް" ގައި ބައިވެރިވެވަޑައިގަންނަވަން ފުރާވަޑައިގަންނަވައިފިއެވެ.
މިދަތުރުފުޅާ ގުޅޭގޮތުން ރައީސް މުހައްމަދު ނަޝީދު އޮފީހުން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނީ މޭ 6 އިން 8 އަށް އިންޑިއާގެ ނިއުދެއްލީ އަށް ދަތުރުފުޅެއް ކުރައްވާނެކަމުގައެވެ. އެގޮތުން އެ ދަތުރުފުޅަކީ މޭ 7 އިން 8 އަށް އިންޑިޔަން އޯޝަން ރިމް އެސޯސިއޭޝަނުން ރާވައި އިންތިޒާމުކުރާ ދިހަވަނަ "އިންޑިޔަން އޯޝަން ޑަޔަލޮގް" އައިއޯޑީ ގައި ބައިވެރިވެ ވަޑައިގަތުމަށް ކުރައްވަ ދަތުރުފުޅެއް ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އެ ޑަޔަލޮގްގެ ޝިއާރަކީ "އިންޑިއަން އޯޝަން ރީޖަން އިން އަ ޓްރާންސްފޯމިން ވޯލްޑް" އެވެ. އެހެންކަމުން ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާއި، ނޫ އިގްތިސޯދާއި، ޑިޒާސްޓާ ރިސްކު މެނޭޖްމެންޓާއި، އިންވެސްޓްމަންޓާއި އިގްތިސާދީ ހަރަކާތްތެރިކަމާއި، ސައިންސާއި ޓެކްނޮލޮޖީ އަދި އަންހެނުން ބާރުވެރިކުރުވުމުގެ ރޮނގުން މަޝްވަރާ ހިންގޭނެ ކަމަށް އޭނަ ވިދާޅުވިއެވެ.
ޑިޒާސްޓާ ރިސްކު މެނޭޖްމެންޓްގެ މައުލޫގައި ނަޝީދު ވާހަކަފުޅު ދައްކަވާނެ ކަން ހާމަކޮށް ބަޔާނުގައި ބުނެފައިވަނީ އެމަނިކުފާނުގެ ވާހަކަފުޅުގައި އިންޑިޔާ ކަނޑުގެ ސަރަހައްދުގައި ރާއްޖެއަށް އަދާކުރެވޭން އޮތް މުހިންމު ދައުރާއި، ކަންފަހިކުރެވެން ހުރި އިގްތިސާދާއި ވިޔަފާރީގެ ފުރުސަތުތަކުގެ މައްޗަށް އަލިއަޅުވާލައްވާނެ ކަމަށެވެ. އަދި އިންޑިޔާ ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުވުންތައް ކުރިއަށް ގެންދަވާނެ ކަމަށްވެސް ބުނެފައިވެއެވެ.
މި ދަތުރުފުޅާ ގުޅޭ ގޮތުން އެކްސް ގައި ކުރެއްވި ޕޯސްޓުގައި ނަޝީދު ވިދާޅުވީ މިއީ ދިވެހިރާއްޖެ އަށް އިންތިހާއަށް މުހިންމު މަޝްވަރާތަކެއް ހިންގޭނެ ޕްލެޓްފޯމެއް ކަމަށެވެ.