ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިހާބުކުރުމަށް ބާއްވާ ބައި-އިލެކްޝަންގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފި އެވެ.

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރަނީ ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓް އަހްމަދު ސައީދު އާއި އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޓިކެޓުގައި އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އެވެ.

އިލެކްޝަންސް ކޮމިޝަން، (އީސީ)ން އާންމުކޮށްފައިވާ ގޮތުގައި ކެންޑިޑޭޓް ނަންބަރު 1 ލިބިފައިވަނީ އަހްމަދު ސައީދަށެވެ. އަދި ކެންޑިޑޭޓް ނަންބަރު 2 ލިބިފައިވަނީ އަބްދުﷲ ސޯދިގު (ސޯބެ) އަށެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ އެ ގޮނޑިއަށް ކުރިން އިންތިހާބުވި މުހައްމަދު ސިނާނުގެ މައްޗަށް ސާބިތު ދަރަނީގެ މައްސަލައެއްގައި އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް އެޕްރީލް 12، ގައި ސުޕްރީމް ކޯޓުން ހުކުމް ކުރުމުންނެވެ.

ގޮނޑި ގެއްލުމުން ޕްރައިމަރީގައި ވާދަކުރަން ހުޅުވާލި މުއްދަތުގައި އެ ޕާޓީން ބައި-އިލެކްޝަނަށް ޝައުގުވެރިކަން ފާޅުކުރީ ސޯބެ އެކަނި ކަމަށް ވީއިރު، އޭނާ ޕާޓީގެ ޓިކެޓު ކަށަވަރުކުރީ ޕްރައިމަރީއަކާ ނުލަ އެވެ. އަދި ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ސޯބެ އޭނާގެ ކެމްޕެއިން ރަސްމީކޮށް މިހާރު ވަނީ ލޯންޗުކޮށްފައެވެ.

ބައި-އިލެކްޝަންގައި ވާދަކުރައްވަން ޕީއެންސީގެ ޕްރައިމަރީގައި ސިނާނު ވަނީ ސައީދުގެ މައްޗަށް ކުރި ހޯއްދަވާފަ އެވެ.

ނަމަވެސް ޕީއެންސީން ފަހުންވަނީ ސައީދުއަށް އެ ޓިކެޓު ހަވާލުކޮށްފައެވެ. އެކަމާ ގުޅިގެން ސިނާން ވިދާޅުވީ ބައި-އިލެކްޝަންގައި ވާދަނުކުރަން ނިންމެވީ އެއީ އިންތިހާބު ކާމިޔާބުކުރަން ޕާޓީއަށް އެންމެ ފަހި ގޮތް ކަމަށް ގަބޫލުކުރައްވާތީ ކަމަށެވެ.