ޔޫ.އޭ.އީގެ ސަރަހައްދުތަކަށް ދިން ޑްރޯން އަދި މިސައިލް ހަމަލާތައް، ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފިއެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އިން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނީ ޔޫ.އޭ.އީ ގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި މުހިންމު އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް ދިން ޑްރޯން އަދި މިސައިލް ހަމަލާތައް، ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

މީގެ އިތުރުން އެ ހަމަލާތަކަކީ ޔޫ.އޭ.އީގެ މިނިވަންކަމާއި އިސްތިގުލާލަށް އަރައިގަތުމަށް ހިންގާފައިވާ އަމަލެއް ކަމަށާއި، މުޅި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ރާއްޖެއިން ދެކޭ ކަމަށްވެސް ބުނެއެވެ.

ޔޫ.އޭ.އީގެ ސަރުކާރާއި ރައްޔިތުންނާއެކު ރާއްޖެއިން ސާބިތުކަމާއެކު އެއްބައިވަންތަކަންމަތީ ދެމިއޮންނާނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވަމުން އެ މިނިސްޓްރީން ބުނީ އެ ގައުމުގެ އިސްތިގުލާލާއި، ސަލާމަތާއި، ސަރަހައްދީ ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި އަޅަމުންދާ އެންމެހައި ފިޔަވަޅުތަކަށް ރާއްޖެއިން ފުރިހަމައަށް ތާއީދުކުރާކަމަށެވެ.

ހަމަމިއާއެކު މަސްލަހަތު އިތުރަށް ގޯސްވިޔަ ނުދިނުމަށްޓަކައި އަވަސް ފިޔަވަޅުތަކެއް އެޅުމަކީ ނުހަނު ބޭނުންތެރި ކަމެއްކަން ފާހަގަކޮށް، މަޝްވަރާއާއި ހާރިޖީ ގުޅުންތަކުގެ ޒަރީއާއިން ނުތަނަވަސްކަން ކުޑަކޮށް، ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމަށް ރާއްޖެއިން ވަނީ ގޮވާލާފައެވެ.

އެމެރިކާގެ އަސްކަރީ މަރުކަޒުތައް ގާއިމްކޮށްފައި ހުންނަ ޔޫއޭއީއަށް އީރާނުގެ މިސައިލް އަދި ޑްރޯން ހަމަލާތަކެއް މެއި މަހުގެ 4 ވަނަ ދުވަހު ދީފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.