ހޮރުމުޒް ކަނޑުއޮޅި ހުރަސްކުރަން ބޭނުންވާ އުޅަނދުފަހަރުތައް އީރާނުން ކަނޑައަޅާފައިވާ ރައްކާތެރި މަގުތައް ނޫން އެހެން މަގުތައް ބޭނުން ނުކުރަން އީރާނުގެ އިސްލާމިކް ރިވަލިޔުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން އިންޒާރުދީފިއެވެ.

އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި އައިއާރްޖީސީ އިން ބުނީ، އީރާނުން ކަނޑައަޅާފައިވާ މަގުތަކުން ނޫން އެހެން މަގުތަކުން ދަތުރުކުރާ އުޅަނދުފަހަރާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.

އެގޮތުން ކަނޑައެޅިފައިވާ މަގުތައް ނޫން އެހެން މަގުތަކުން އުޅަނދުފަހަރުތައް ދަތުރުކުރުމަކީ ނުރައްކާތެރި ކަމެއް ކަމަށް އައިއާރްޖީސީން ވަނީ ބުނެފައެވެ.

އަދި އެފަދަ އުޅަނދުތަކަށް އައިއާރްޖީސީގެ ކަނޑުގެ ސިފައިން ވަރުގަދަ ރައްދެއް ދޭނެ ކަމަށް އެ ބަޔާނުގައިވެއެވެ.

އަދި ހުރުމުޒް ކަނޑުއޮޅި ހުރަސްކުރުމަށް އޮތް ހަމައެކަނި ރައްކާތެރި މަގަކީ އީރާނުން ކުރިން އިއުލާނުކޮށްފައިވާ މަގުތައް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އައިއާރްޖީސީން މި އިންޒާރު ދީފައިވަނީ ހުރުމުޒް ކަނޑުއޮޅީގައި އީރާނުން އަޅާފައިވާ ހުރަސްތައް ނައްތާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަމުރުކުރެއްވުމާ ގުޅިގެން، އީރާނާއި އެމެރިކާގެ ކަނޑުގެ ސިފައިންގެ މެދުގައި ހަމަލާ ބަދަލުކުރިތާ އެއްދުވަސް ފަހުންނެވެ.

މި ކުރިމަތިލުމުގައި ބައެއް އުޅަނދުފަހަރަށާއި ބަނދަރުތަކުގެ ވަސީލަތްތަކަށް ހަމަލާ އަމާޒުވިއެވެ.

ނަމަވެސް، މާރިޗު މަހު ފެށުނު ހަނގުރާމައަށްފަހު އޭޕްރީލް މަހު ހަމަލާ ހުއްޓާލުމަށް އެއްބަސްވެފައިވަނިކޮށް، އެމެރިކާއިން މިކަމުގެ ތެރެއަށް ވަނުމަކީ މަސްލަހަތު ވަރަށް ބޮޑަށް ގޯސްވެ، އަލުން ހަނގުރާމައެއް ފެށިދާނެ ކަމެއް ކަމަށް ތަޖުރިބާކާރުން އިންޒާރުދެއެވެ.

ދުނިޔޭގެ ތެލުގެ ޑިމާންޑުގެ ފަސްބައިކުޅަ އެއްބައި އުފުލާ ހުރުމުޒު ކަނޑުއޮޅި ހުޅުވުމަށް އެމެރިކާއިން ކުރާ މަސައްކަތުގެ ފުރަތަމަ ދުވަހު، އެމެރިކާގެ ދެ އުޅަނދެއް އެ ސަރަހައްދު ހުރަސްކުރި ކަމަށް ބުނެ އެމެރިކާއިން ދެއްކި ވާހަކަތައްވެސް އައިއާރްޖީސީ އިން ވަނީ ދޮގުކޮށްފައެވެ.

ވޭތުވެދިޔަ ހަފުތާތަކުގައި އީރާނުން ވަނީ ވަކި އަދަދެއްގެ އުޅަނދުތަކަކަށް އެ ސަރަހައްދު ހުރަސްކުރުމުގެ ހުއްދަ ދީފައެވެ.

މި މަގުތައް ހުރީ ކަނޑުއޮޅީގެ އެންމެ އުތުރުގައި "ލާރަކް" ރަށާ ކައިރީގައެވެ. މީގެ އިތުރުން އެހެން ސަރަހައްދުތަކުގައި "މައިން" ހުރެދާނެ ކަމުގެ އިންޒާރު ވެސް ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.