ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެންމެ ފަހުން އިއުލާނުކުރި ފިޔަވަޅުތަކަކީ، ބޭރު ފައިސާ ހަމަހަމަކަމާއެކު ފޯރުކޮށްދިނުމުގެ މަގުސަދުގައި އެޅި ފިޔަވަޅުތަކެއް ކަމަށް ބީއެމްއެލް ސްޕޯކްސް ޕާސަން މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ކުރީގެ އެކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ބޭންކުގެ އިއުލާންތަކާއި ގުޅުވައިގެން އާންމުކުރައްވާ ޕޯސްޓަށް ރައްދު ދެއްވާ ސައީދު އެކްސްގައި އާންމުކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ ބީއެމްއެލް އިން އެންމެ ފަހުން އިއުލާނުކުރި ފިޔަވަޅުތަކަކީ، އާންމު ފަރުދުންގެ ޒަރޫރީ ބޭނުންތަކަށާއި ދައުލަތުގެ މުހިންމު ބޭނުންތަކަށް ބޭރު ފައިސާ ހަމަހަމަކަމާއެކު ފޯރުކޮށްދިނުމުގެ މަގުސަދުގައި އެޅި ފިޔަވަޅުތަކެއް ކަމަށެވެ.

އޭނާ ވަނީ ބޭންކުގެ އުސޫލުތަކަށް ގެނައި މުހިންމު ބަދަލުތަކުގެ ތެރޭގައި ހިމެނެނޭ ކަން ކަން ފާހަގަކުރައްވާފައެވެ.

އެގޮތުން ކާޑު ބޭނުންކޮށްގެން ބޭރު ފައިސާއިން މުއާމަލާތްކުރެވޭ ލިމިޓް ނުބައި ގޮތުގައި ބޭނުންކުރުން ހުއްޓުވުމަށްޓަކައި، ބޭރު ގައުމުތަކުގައި ކާޑު ބޭނުންކޮށްގެން ކުރާ މުއާމަލާތްތަކަކީ ކާޑުގެ ވެރިފަރާތް އަމަލީ ގޮތުން އެ ގައުމެއްގައި ހުރެގެން ކުރާ މުއާމަލާތެއްކަން ކަށަވަރުކުރުމާއި، އަމިއްލަ ބޭނުންތަކަށް ދޫކޮށްފައިވާ ބޭރު ފައިސާގެ ލިމިޓް ބޭނުންކޮށްގެން، ބައެއް އޮންލައިން ޕްލެޓްފޯމްތަކުން ވިޔަފާރި މުއާމަލާތްކޮށް، މަދު ބަޔަކު ގިނަ އަދަދަކަށް ޑޮލަރު ނަގަމުންދާ މައްސަލައަށް ހައްލެއް ހޯދުން އޭގެތެރޭގައި ހިމެނޭކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ އެކަމަށްޓަކައި، ލިބެން ހުރި ބޭރު ފައިސާ ގިނަ ބަޔަކަށް ހަމަހަމަކަމާއެކު ބޭނުންކުރެވޭނެހެން، ދުވާލަކު ބޭނުންކުރެވޭނެ ވަކި މިންވަރެއް (ޑެއިލީ އެލޮކޭޝަން ބަޖެޓެއް) މިހާރު ކަނޑައަޅާފައިވާ ކަމަށެވެ.

މީގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި، ބޭރަށް ފައިސާ ފޮނުވާ ވިޔަފާރިތަކަށް ޑޮލަރު ލިބޭނެ އިންތިޒާމު ހަރުދަނާކޮށް، ގިނަ ވިޔަފާރިތަކަށް އެ ފުރުސަތު ފަހިކޮށްދިނުނުމަކީ އަމާޒެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމަމިއާއެކު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ބަހާލައިގެން ކަނޑައެޅިފައިވާ މިންވަރަށްވުރެ އިތުރަށް ޑޮލަރު ހޯދަން ކުރާ މަސައްކަތްތައް ދެނެގަނެވޭނެ ކަމަށާއި، ހުރިހާ މުއާމަލާތެއްވެސް ހިނގާނީ ކަނޑައެޅިފައިވާ ލިމިޓްތަކުގެ ތެރެއިންކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރާއްޖޭން ބޭރުގައި ކިޔަވާ ކުދިންނަށް ދެމުންދާ އެހީތެރިކަން ދެމެހެއްޓުމުގެ ގޮތުން، އެކުދިންނަށް މަހަކު 1,200 ޑޮލަރުގެ މަތީ ލިމިޓެއް ލިބޭނެ ގޮތް ހަމަޖައްސާނެ ކަމަށާއި މިހާރު މައިންބަފައިންގެ ކާޑު ބޭނުންކުރާ ކުދިންނަށް ކުރިއަށް އޮތް ތިން މަސް ދުވަހު އެ ކާޑު ބޭނުންކުރެވޭނެ ކަމަށާއި، އެ މުއްދަތުގެ ތެރޭގައި އެކުދިންނަށް ހާއްސަ "ސްޓޫޑަންޓް ކާޑު" ދޫކުރެވޭނެ ކަމަށް ބޭންކުން ބުނެފައިވެއެވެ.

އެމެރިކާ ޑޮލަރު އެކައުންޓްތަކާ ގުޅިފައިވާ ޑެބިޓް އަދި ކްރެޑިޓް ކާޑުތައް، އަމިއްލަ ބޭނުންތަކަށާއި ވިޔަފާރީގެ އެކި މުއާމަލާތްތަކަށް އެއްވެސް ހިފެހެއްޓުމެއް ނެތި ބޭނުންކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ޑެބިޓް ކާޑު ބޭނުންކޮށްގެން ރާއްޖޭން ބޭރުގެ ވިޔަފާރިތަކުގައި (POS) މަހެއްގެ މައްޗަށް މުއާމަލާތް ކުރެވޭނެ މިންވަރު 1,000 އެމެރިކާ ޑޮލަރަށް އިތުރުކޮށްފައިވާ އޮތް އޮތުމަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށާއި ދަތުރުފަތުރުކުރުމަށާއި ބޭސްފަރުވާގެ ބޭނުންތަކަށް މަހެއްގެ މައްޗަށް 3,000 އެމެރިކާ ޑޮލަރާ ހަމައަށް ކަސްޓަމަރުންނަށް ކާޑު ބޭނުންކުރެވޭނެ އިންތިޒާމު ވެސް ހަމަޖައްސާފައިވާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ބީއެމްއެލް އަށް މިފަހުން ފާޑުކިޔުންތައް އަމާޒުވެފައިމިވަނީ އީކޮމާސް ސައިޓްތަކުން ކޮންމެ ދުވަހަކު ކުރާ ޚަރަދު ލިމިޓްކުރާނެކަން އެ ބޭންކުން ހާމަކުރުމުންނެވެ.