މާލޭގެ މޯޗަރީ ހުޅުމާލޭ ސަހަރާ މިސްކިތަށް ބަދަލުކޮށްދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ގަލޮޅު މޯޗަރީ ރީލޮކޭޓް ކުރުމަށް ހުޅުމާލޭ ސަހަރާ މިސްކިތުގެ ބިމުގައި މޯޗަރީގެ އާ އިމާރާތް ކުުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ.

އެ މަސައްކަތުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނިތަކާއި ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓް އަދި ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.

އެގޮތުން އެ މަސައްކަތާ ގުޅޭ މައުލޫމާތު ސާފުކުރުން އޮންނާނީ މި މަހުގެ 10 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 ގައި މާލޭ ސިޓީ ކައުންސިލުގެ ހޯލުގައި ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.

އަދި އަގު ހުށަހެޅުން އޮންނާނީ މި މަހުގެ 14 ވަނަ ދުވަހުގެ މެންދުރު 1:30 ގައި ސިޓީ ކައުންސިލު ހޯލުގައި ކަމަށްވެސް އެ ކައުންސިލުން ބުނެފައި ވެއެވެ.

މީގެ އިތުރުން އެ ގަޑިއަށް މައުލޫމާތު ސާފުކުރުމަށް ނުދާ މީހުންނާއި ގަޑި ޖެހުމަށް ފަހުން އަންދާސީ ހިސާބު ހުށަހަޅާ މީހުންގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ކަމަށް ސިޓީ ކައުންސިލުން ބުނެފައި ވެއެވެ.

ގަލޮޅު ސަހަރާގައި މޯޗަރީ ހުޅުވާ ޚިދުމަތްދޭން ފެށީ ދެ މީހުންގެ ހަށިގަނޑުގެ ޖާގައާއެކު 1975 ވަނަ އަހަރުގަ އެވެ.