ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ ތެރޭގައި ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ބިލެއް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ބަންޑާރަނައިބު އަލްއުސްތާޛް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ބަންޑާރަ ނައިބު އުޝާމް މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ހިއްސާކުރައްވަމުންނެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުން މަޖިލީހަށް ހުށަހަޅުއްވަން ނިންމަވާފައިވާ ބިލުތަކުގެ ތަފްސީލު ހިއްސާކުރައްވަމުން ބަންޑާރަ ނައިބު އުޝާމް ވިދާޅުވީ މަޖިލީހުގެ މި ހިނގާ ދައުރާއި ދެވަނަ ދައުރަށް 12 ބިލެއް ހުށަހެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

އޭގެތެރޭގައި ޒާތީ މައުލޫމާތު ރައްކާތެރި ކުރުމުގެ ބިލެއް ހިމެނޭއިރު ބަންޑާރަ ނައިބު ވިދާޅުވީ މިއީ އާންމު ރައްޔިތުންގެ ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ގޮތުން ހާމަކަން ބޮޑު އަދި ޖަވާބުދާރީ ކުރުވަނިވި ގޮތެއްގައި އެ މައުލޫމާތު އެއްކުރުމާއި ޕްރޮސެސްކުރުމާއި ބޭނުންކުރުމުގެ ނިޒާމެއް ގާއިމުކޮށް، ޒާތީ މައުލޫމާތު ނިސްބަތްވާ މީހުންގެ ޙައްގުތަކާއި މައުލޫމާތު އެއްކުރާ އަދި ޕްރޮސެސް ކުރާ ޒިންމާތައް ކަނޑައަޅައި، އެ ފަރާތްތައް ރެގިއުލޭޓް ކުރުމާބެހޭ އުސޫލުތައް ކަނޑައަޅާނެ ބިލެއް ކަމަށެވެ.

"މިއީ އާންމު ރައްޔިތުންގެ ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ގޮތުން ހާމަކަން ބޮޑު، ޖަވާބުދާރީ ކުރުވަނިވި ގޮތެއްގައި އެ މައުލޫމާތު އެއްކުރުމާއި، ޕްރޮސެސްކުރުމާއި، ބޭނުންކުރުމުގެ ނިޒާމެއް ގާއިމުކޮށް، ޒާތީ މައުލޫމާތު ނިސްބަތްވާ މީހުންގެ ހައްގުތަކާ މައުލޫމާތު އެއްކުރާ އަދި ޕްރޮސެސްކުރާ ފަރާތްތަކުގެ ޒިންމާތައް ކަނޑައަޅާ، އެ ފަރާތްތައް ރެގިއުލޭޓުކުރުމާ ބެހޭ އުސޫލުތައް ކަނޑައަޅާނެ ބިލެއް، ގާނޫނެއް،"

ބަންޑާރަ ނައިބު އުޝާމް

އަދި މި ދައުރުގެ ތެރޭގައި ނަފްސާނީ ދުޅަހެޔޮކަމާ ގުޅުންހުރި ބިލަކާއި ރާއްޖޭގައި މަރުގެ އަދަބު ދިނުމަށް ޚާއްސަ ޤާނޫނެއް ހެދުމުގެ މަސައްކަތްވެސް ކުރައްވަމުން އަންނަ ކަމަށް އުޝާމް ވިދާޅުވިއެވެ.

ހަމައެހެންމެ ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންދާގޮތާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދާ ގުޅޭގޮތުން ޤާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލުތައް ހުށަހަޅުއްވަން ތައްޔާރުވަމުންދާ ކަމަށްވެސް ބަންޑާރަ ނައިބު އުޝާމް ވިދާޅުވިއެވެ.

ބަންޑާރަ ނައިބު ވިދާޅުވީ ތަޢުލީމުގެ ޤާނޫނަށްވެސް އިސްލާހުތަކެއް ގެންނަންޖެހިފައިވާތީ އެ ބަދަލުތައް ގެނައުމަށް ބިލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. މިހާރު އަމަލުކުރަމުންދާ އިމިގްރޭޝަނުގެ ޤާނޫނާއި ފަޅުރަށްތަކާބެހޭ ޤާނޫނަށް އިސްލާހުގެނައުމުގެ ބަދަލުގައި އައު ޤާނޫނެއް ހެދުމަށް ހުށަހަޅަން ތައްޔާރުވަމުންދާ ކަމަށްވެސް އުޝާމް ވިދާޅުވިއެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ހާލަތްތަކާގުޅޭގޮތުން ޤާނޫނުއަސާސީއަށް ގެނައި އިސްލާހާއެކު ސިޔާސީ ޕާޓީތަކުގެ ޤާނޫނު އިސްލާހު ކުރުމަށް ބިލެއް ހުށަހަޅުއްވަން ނިންމަވާފައިވާ ކަމަށްވެސް ބަންޑާރަނައިބު ވިދާޅުވިއެވެ.