މިދިޔަ މަހުގެ 30 އާއި ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީއާއި ހިލޭ އެހީގެ ޖުމްލަ 15.4 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން ބުނެފިއެވެ.
މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން ނެރެފައިވާ އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުން ދައްކާގޮތުގައި، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 14.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 7.5 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެއިތުރުން، އޭޕްރީލް މަސް ނިމުނުއިރު ދައުލަތުގެ މާލީ ހިސާބުތަކުން 1.0 ބިލިއަން ރުފިޔާގެ ސާޕްލަސްއެއް ވަނީ ރެކޯޑު ކުރެވިފައެވެ.
ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުން ދައްކާގޮތުގައި، އާމްދަނީ އިތުރުވުމުގެ އެންމެ ބޮޑު ހިއްސާއެއް ވަނީ ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޓީ.ޖީ.އެސް.ޓީ.) އިންނެވެ. އެގޮތުން ޓީ.ޖީ.އެސް.ޓީ. ގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ 4.6 ބިލިއަން ރުފިޔާއިން 5.1 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މިއީ 11.7 އިންސައްތައިގެ ކުރިއެރުމެކެވެ.
އޭގެ އިތުރުން ޖުމްލަ ޓެކްސް އާމްދަނީގެ ގޮތުގައި 12.3 ބިލިއަން ރުފިޔާގައި ހުރިއިރު، މިއީ 2025 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 13.0 އިންސައްތައިގެ އިތުރުވުމެކެވެ.
ދައުލަތުގެ ޚަރަދުތަކަށް ބަލާއިރު، މި މުއްދަތުގެ ތެރޭގައި ޖުމްލަ 14.3 ބިލިއަން ރުފިޔާ ވަނީ ޚަރަދުވެފައިވާއިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޚަރަދުވި 12.6 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 13.8 އިންސައްތަ އިތުރު އަދަދެއް ކަމަށް އެ މިނިސްޓްރީއިން ބުނެއެވެ.
އެ މިނިސްޓްރީިން ވަނީ ރިކަރަންޓް ޚަރަދު 11.1 އިންސައްތަ އިތުރުވެ، 12.6 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް ބުނެފައެވެ.
މި މުއްދަތުގައި ޚަރަދު އެންމެ ބޮޑަށް އިތުރުވެފައިވަނީ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށެވެ. މުސާރައާއި އިނާޔަތްތަކަށް 4.5 ބިލިއަން ރުފިޔާ ޚަރަދުވެފައިވާއިރު، މިއީ 2025 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 10.5 އިންސައްތަ އިތުރުވެފައިވާ ކަމަށް މިނިސްޓްރީއިން ބުނެއެވެ. މުސާރަ އެއްހަމަކުރުމުގެ ސިޔާސަތުގެ ދަށުން މުސާރައާއި، އިނާޔަތްތައް އެއްހަމަކުރުމުގެ ބޮޑު ބައެއް ނިމިފައިވާއިރު، މުސާރައާއި، އުޖޫރަ އަދި ޕެންޝަންގެ ޚަރަދުތައް ހުރީ ޖުމްލަ 5.3 ބިލިއަން ރުފިޔާގައެވެ. މިއީ މިދިޔަ އަހަރަށްވުރެ 10.1 އިންސައްތަ އިތުރު އަދަދެކެވެ.