ރ. ވާދޫގެ ތާރީޚުގައި ވެސް ނުދެކޭ ފަދަ ކުލަގަދަ ހަރަކާތްތަކަކާ އެކު މިއަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމަށް އެ ރަށުން ތައްޔާރުވާން ފަށައިފިއެވެ.

އެ ރަށުން މަޢުލޫމާތު ދެއްވި ފަރާތަކުން ވިދާޅުވީ، އެންމެ ޚާއްޞަ ކަމަކީ ޢީދުވިލާރޭ އެ ރަށުގައި ފުރަތަމަ ފަހަރަށް ހަވާ އެރުވުން ކަމަށެވެ. ހަވާގެ އިތުރުން މެއި 30 ވަނަ ދުވަހުގެ ރޭ ބާއްވާ ޢީދު ޝޯގައި ރަށާއި ރަށުން ބޭރުގެ ފަންނާނުން ބައިވެރިވާ އިރު، "ހިޔަލަ" ގުރޫޕުގެ ފަންނުވެރިންގެ ޚާއްޞަ ހުށަހެޅުންތައް ފެނިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޯޑިކުޅުމާއި ތަކުރުނެރުން ފަދަ ކޮންމެ އަހަރަކު ވެސް ޢީދުގައި ކުޅޭ ސަގާފީ ކުޅިވަރުތައް މިފަހަރު ވެސް އޮންނާނެއެވެ. އެއާ އެކު ފެންކުޅި ހިމެނޭ ގޮތަށް ތަފާތު އިތުރު ކުޅިވަރުތައް ވެސް ރާވަމުން އަންނަ ކަމަށް އެ ފަރާތުން ވިދާޅުވިއެވެ. މި ހުރިހާ ހަރަކާތެއް ރޭވުމުގެ ފަހަތުގައި އިންތިޚާބީ ކައުންސިލަރުންނާއި ޑަބްލިޔުޑީސީގެ އިސް ދައުރެއް އޮތް ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ޢީދުގެ ފޯރި ގަދަވެ ރަށަށް އަންނަ މެހެމާނުންގެ އަދަދު ވެސް އިތުރުވާނެ ކަމަށް ބެލެވެއެވެ. އެކަން ހާމަވަނީ މިހާރު ވެސް ވާދޫ ވިއު އިން ގެސްޓުހައުސްއާއި ރަށުގެ ގިނަ ގެތަކުގެ ކުލީ ކޮޓަރިތައް މުޅިންހެން ފުރިފައި ވާތީއެވެ.