ވައިބަރއިން ފޮނުވި ލިންކެއް މެދުވެރިކޮށް ބެންކު އެކައުންޓުން 50،000 ރުފިޔާ މަކަރާއި ހީލަތުން ހޯދި މައްސަލައެއްގައި ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ މ. އޮމެގާ / މާލެ، މޫސާ މުޙައްމަދު (38އ) އެވެ.

ފުލުހުން މިއަދު ބުނީ އޭނާ ހައްޔަރުކޮށްފައި ވަނީ މި މަހުގެ 2 ވަނަ ދުވަހު ކަމަށެވެ.

ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި، މިދިޔަ އެޕްރީލް މަހުގެ 24 ވަނަ ދުވަހު މޫސާ މުޙައްމަދު ވަނީ ފޭސްބުކް މެސެންޖަރ މެދުވެރިކޮށް ވިކްޓިމްއާ ގުޅުން އުފައްދާފައެވެ.

އަދި ވައިބަރ މެދުވެރިކޮށް މޫސާ މުޙައްމަދު އެ މީހާއަށް ފޮނުވި ލިންކަކަށް ފިތައިލުމުން ފޯނު ރީސެޓުވެ، އެ މީހާގެ ބެންކު އެކައުންޓުގައި ހުރި 50,000 ރުފިޔާ ވަނީ ކެނޑިފައެވެ.

އެ ފައިސާ ޖަމާވެފައި ވަނީ މޫސާ މުޙައްމަދުގެ ނަމުގައިވާ އެކައުންޓަށެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

ެެއެގޮތުން މި މައްސަލައާ ގުޅިގެން މޫސާ މުހައްމަދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށްޓަކައި، ނުދަންނަ ފަރާތްތަކުން ފޮނުވާ ލިންކުތަކަށް ނުފިތުމަށް ތަކުރާރުކޮށް ފުލުހުން ދަނީ އިލްތިމާސްކުރަމުންނެވެ.